ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ 2016 ވަނަ އަހަރު ނެރުނު "4426" އަދި މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބޮސް"ގެ ހާއްސަ ޝޯތަކެއް މިރެއާއި މާދަމާރޭ އޮލިމްޕަހުގައި އަޅުވާނެއެވެ.
މިރޭ ދައްކާނީ ބޮސްގެ ޝޯއެކެވެ. 4426 ދެ ޝޯ ދައްކާނީ މާދަމާރޭއެވެ.
"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
"ބޮސް"އިން ދައްކައިދެނީ، މުއްސަނދި އަންހެން ކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ.
ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ ފިލްމުން ދައްކައިދެއެވެ.

ދިވެހި ފިލްމް "ބޮސް" ރިލީޒްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް
މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" (ފޯފޯޓޫސިކްސް) އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.
ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމު "4426"ގެ ތަރީންގެ ތެރޭގައި، މަރިޔަމް އައްޒައާއި ޖުމައްޔިލް ނިމާލް، މުހައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެއެވެ.

ދިވެހި ފިލްމު 4426ގެ މަސްޒަރެއް. މި ފިލްމުގެ ހާއްސަ ޝޯއެއް މާދަމާރޭ އޮލިމްޕަހުގައި އޮންނާނެ -- ފޮޓޯ: ފޭސްބުކް
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "4426" އެންމެ ފަހުން އޮލިމްޕަހުގައި ދައްކާފައި ވަނީ، މިދިޔަ އަހަރު ޖުލައި މަހު ހަތްވަނަ ދުވަހުގެ ރޭ، ދިވެހި ފިލްމީ ދާއިރާއަށް ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ، "ބޮސް" ލޯންޗުކުރުމަށް ބޭއްވި ހަފްލާގައެވެ.
އަދިވެސް މި ދެފިލްމު ބަލަން ބޭނުންވާ ގިނަ ފަރާތްތަކެއް ތިބުމާއެކު، އެ ފުރުސަތު ދިނުމަށް ނިންމީ ކަމަށް ނަހުލާ ބުންޏެވެ.