ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ)ގެ މެންބަރު ކަމާއި ރައީސް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ސުލައިމާން އައްޔަން ކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތައްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ސުލައިމާނަށް އެންއައިސީގެ މެމްބަރު ކަމާއި ރައީސް ކަމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ސުލައިމާނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވަނީ އެ މައްސަަލަ ދިރާސާކޮށް އޭނާއަށް ރުހުން ދިނުމަށް މިދިޔަ ހޯމަ ދުވަހު ފާސްކޮށްފަ އެވެ. އިއްޔެ މަޖިލީހުގައި ސުލައިމާނަށް ރުހުން ދިނުމަށް 31 މެންބަރުން ވަނީ ވޯޓް ދީފަ އެވެ.
އެންއައިސީ އަށް އައްޔަން ކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ ބޭފުޅުންނެވެ. ސުލައިމާނަކީ އެންއައިސީ އަށް އައްޔަން ކުރުމަށް ގާބިލް ބޭފުޅެއްތޯ ބެލުމަށް ނެގި ވޯޓުގައި ކޮމިޓީގެ މެމްބަރުން ދީފައި ވަނީ 75.89 ޕަސެންޓް މާކުހެވެ.
ސުލައިމާނަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށް ބެލުމަށް ފަހު ކޮމެޓީގެ މެމްބަރުން މާކްސް ދެއްވުމުންނެވެ.
ނޭޝަނަލް އިންޓަގްރީ ކޮމިޝަނަކީ ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސް އޮފިސަރުން ކުރާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.