ޔޫރަޕްގެ ހުރިހާ ޓީމަކުންވެސް ކޭން ބޭނުންވާނެ: ރޮނާލްޑީނިއޯ

ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން --- ފޮޓޯ/އޭޕީ

ޔޫރަޕުގައި މިވަގުތު ކުޅޭ ހުރިހާ ޓީމަކުންވެސް އިނގިރޭސިވިލާތުގެ ފޯވަޑް ހެރީ ކޭން ބޭނުންވާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅަ ލެޖެންޑް، ރޮނާލްޑީނިއޯ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުންދާ ކޭން، އެ ޓީމަށް މިހާތަނަށް 150 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، އޭނާވަނީ މި ސީޒަންގައި އެކަނިވެސް 35 ގޯލް ހަމަކޮށްފައެވެ.

އުމުރުން 24 އަހަރުގެ ކޭންއަށް ތައުރީފް ކުރަމުން ރޮނާލްޑީނިއޯ ބުނެފައިވަނީ، ކޭން ބޭނުން ޓީމަކުން އޭނާއަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"ކޭން ބޭނުން ޓީމަކަށް ކުޅުމުގެ ފެންވަރު އޭނާ ގައިގައި އެބަހުރި. ދުވަސް ގަނޑެއް ވެއްޖެ ކޭން ދުނިޔޭ ލެވެލްގައި ފާހަގަކޮށްލެވޭތާ. އެކަމަކު މިހާރު، މި ސީޒަންގައި ކޭން ދައްކަމުންދާ ކުޅުމާއެކު އޭނާ ބޭނުން ޓީމަކަށް ކުޅުމަށް ފުރުސަތު ފަހިވާނެ،" ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ ބުނީ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ކަމަށްވިޔަސް ކޭންއަށް ނޫނެކޭ ނުބުނާނެ ކަމަށާއި، ކޭންއަކީ އެ ލެވެލްގައި ފާހަގަކޮށްލެވޭ މަދު ކުޅުންތެރިން ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.

"ކޭން ކަހަލަ ކުޅުންތެރިން މަދުވާނެ. އެ ކުޅުންތެރިއަކު ބޭނުން ޓީމަކަށް ކުޅެވޭނެ ލެވެލްގެ ކުޅުންތެރިން މަދުވާނެ. އެކަމަކު ކޭންއަށް ކުޅެވޭނޭ ރެއާލް، ބާސާ އަދި ސިޓީ ވިޔަސް. އޭނާގެ ފެންވަރު އެހާވެސް ރަނގަޅު،" ރޮނާލްޑީނިއޯ ފާހަގަކުރިއެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް، ރަމޯން ކަލްޑްރޯން ބުނެފައިވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ކޭން ވެގެންދާނީ ރެއާލްގެ އެންމެ ބޮޑު ޓްރާންސްފާ ޓާގެޓަށް ކަމަށެވެ. އެހެން ނަމަވެސް ކިތައްމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް ކޭން ނުވިއްކާނެ ކަމަށް ޓޮޓެންހަމްއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

comment ކޮމެންޓް