އުތުރު ކޮރެއާގެ ބޯޓަކާއި ރާއްޖޭގެ ދިދަ ނަގާފައި ހުރި ބޯޓަކުން މުއާމަލާތެއް ހިންގި ކަމަށް ޖަޕާނުން ބުނެފި

ޖަޕާނުން ބުނި ގޮތުގައި ރާއްޖޭގެ ދިދަ ނަގާފައި ހުރި ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ޗޮން މާ ސަން އާ ދެމެދު ވަނީ މުއާމަލާތެއް ހިންގާފައި -- ފޮޓޯ: ޖަޕާންގެ ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ދިދަ ނަގާފައި ހުރި ބޯޓަކާއި އުތުރު ކޮރެއާގައި ރެޖިސްޓާ ކޮށްފައިވާ ބޯޓެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިރުމަތީ ޗައިނާ ކަނޑުގައި މުއާމަލާތެއް ހިންގި ކަމަށް ޖަޕާނުން ބުނެފި އެވެ.

ރާއްޖޭގެ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ބޯޓަކާއި އުތުރު ކޮރެއާގެ "ޗޮން މާ ސަން"، އެކަތި އަނެކައްޗާ ކައިރީގައި އޮއްވައި ފެނުނީ ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަތިންދާ ބޯޓަކަށް ކަމަށް ޖަޕާނުގެ ފޮރިން އެފެއާސް މިނިސްޓްރީން ބުންޏެވެ.

އަދި ދެ ބޯޓުގެ ވެސް ބޮކިތައް ދިއްލާފައި ހުރި ކަމަށާއި ޖަޕާނަށް ތުހުމަތު ކުރެވޭ ގޮތުގައި ދެ ގައުމުގެ ބޯޓުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައިވާ މުއާމަލާތެއް ކޮށްފައި ކަމަށް އެމިނިސްޓްރީން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާ އިން އުތުރު ކޮރެއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޗޮން މާ ސަންއާ ވެސް ވަނީ ބްލެކް ލިސްޓްކޮށްފަ އެވެ. އަދި އެބޯޓުން މިހާރު ވަނީ ބޯޓުގެ ނަން ފޮހެލާފައި ކަމަށް ވެސް ޖަޕާނުން ބުންޏެވެ.

ޖަޕާނުގެ ފޮރިން އެފެއާސް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން މިހާރު ވަނީ އެމައްސަލައިގެ މައުލޫމާތު އދ.ގެ ސަލާމަތީ މަޖިލީހާއި އެ މައްސަލައާ ގުޅުން ހުރި ގައުމުތަކާ ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް