ކަނބަލުންގެ ހާއްސަ ދުވުމަށް ބޮޑު ތަރުހީބެއް، ބައިވެރިވުމުގެ ފުރުސަތު މިއަދު އިރުއޮއްސި ހަޔަކަށް!

މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00ގައި ބަންދުކޮށްލަން ނިންމައިފިއެވެ.

ވިމެން އިން މެނޭޖްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ އެ ދުވުން އޮންނާނީ، އަންނަ މާޗް މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 7:00ގައި ހުޅުމާލޭގައެވެ.

އެ ދުވުމުގައި ބައިވެރިވެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެ ދުވުން އިންތިޒާމްކުރާ ވިމެން އިން މެނޭޖްމަންޓުން ބުނެފައިވަނީ އެފަދަ ދުވުމެއް ބާއްވަން ނިންމާފައިވަނީ އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ.

ވިމެން އިން މެނޭޖްމަންޓުން ބުނީ މިހާރުވެސް ހާހަކަށްވުރެ ގިނަ ބައިވެރިން ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އެހެންކަމުން ބައިވެރިވުމުގެ ފުރުސަތު އުންމީދުކުރި ވަރަށްވުރެ އަވަހަށް ބަންދުކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބުނީ މިއަދުގެ އިރުއޮއްސި 6:00އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ދުވުމުގައި މެޑަލް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރީ ވެގެން ދުވާ ބައިވެރިންނަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ދުވުމުގެ ތެރޭގައި ހާއްސަ އޮބްސްޓިކަލްތަކެއް ރޭވިފައި ހުންނާނެ ކަމަށާއި، ދުވުމުގެ ތެރެއިން އެ އޮބްސްޓިކަލްތައް އެ ބައިވެރިޔަކު ބޭނުންވާ ގޮތަށް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއްވެސް ފީއެއް ނެގުމެއްނެތި ކޮންމެ ކަނބަލަކަށްވެސް ހިލޭ ބައިވެރިވެވޭ އެ ދުވުން އިންތިޒާމްކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަމާއެކުއެވެ.

އެ ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް ހާއްސަކުރެވިފައިވާ އޮންލައިން ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް ވިމެން އިން މެނޭޖްމަންޓުން އެދެއެވެ.

ދުވުން އިންތިޒާމްކުރާ ފަރާތުން ބުނީ ދުވުމުގެ ހުރިހާ ކަމެއް އިންތިޒާމްކުރާނީ ކަނބަލުން ކަމަށާއި، ދުވުން ކުރިއަށްދާއިރު ކަނބަލުންނަށް ހިތްވަރު ދިނުމަށް ފިރިހެނުންނަށް ބައިވެރިވެވިދާނެ ކަމަށެވެ. ދުވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، ‎7946687 ނަންބަރަށް ގުޅުމަށް ވުމެން އިން މެނޭޖްމަންޓުން ބުންޏެވެ.

ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ދުވުމުގެ ފިޓްނަސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ޓްރެއިން ވިތު ކައި" އެވެ.

comment ކޮމެންޓް