ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކުރާ އޮފީސްތަކުގެ ޓެލެޑްރަމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 13:30ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
މުބާރާތުގެ އުސޫލު ބުނާ ގޮތުން މުބާރާތް ބާއްވާނީ މަދުވެގެން ފަސް ބައިވެރިން ބައިވެރިވާ ނަމަ އެވެ. މުބާރާތުގައި ބައިވެރިކުރާ ޑްރާމާތަކަކީ 45 މިނެޓާއި 50 މިނެޓާ ދެމެދުގެ ޑްރާމާއަކަށް ވާން ޖެހެ އެވެ.
އޮފީސްތަކުން ހުށަހަޅާ ޓެލެޑްރާމާއެއްގައި ބައިވެރިވާ ފަރާތްތަކަކީ، އެތަނެއްގެ ފުލްޓައިމް ނުވަތަ ޕާޓް ޓައިމް މުވައްޒަފުން ކަމުގައި ވާންވާނެ ކަމަށާއި އަދި ފިލްމީ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް ބައިވެރިކުރާ ނަމަވެސް، އެ ފަރާތަކީ އެ އޮފީހެއްގެ ފުލްޓައިމް ނުވަތަ ޕާޓް ޓައިމް ވަޒީފާއެއް އަދާކުރާ މުވައްޒަފަކަށް ވާންޖެހޭ ކަމަށް މުބާރާތުގެ އުސޫލުގައި ބުނެ އެވެ.
މުބާރާތުގެ މަގުސަދަކީ އާ މޫނުތައް ތަޢާރަފުކުރުންކަމުގައިވާތީ، ފިލްމީ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް އޮފީހަކުން ބައިވެރިކުރާ ނަމަ އެފަރާތްތަކުން ޑްރާމާގައި ކުޅޭ ރޯލަށް ޖަޖު ނުކުރާނެ ކަމަށާއި ޑްރާމާގައި ބައިވެރިކުރާ ކުޑަކުދިންގެ ރޯލުތަކަށް ވެސް ޖަޖު ނުކުރާނެ ކަމަށް އުސޫލު ބުނެ އެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ޑްރާމާއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސް އަކަށް 15،000 ރުފިޔާ އަދި ސަޕޯޓިން އެކްޓަރު އަދި އެކްޓްރެސް އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.
ޑްރާމާ މުބާރާތުގައި ބައިވެރިވާ އޮފީސްތަކުން، ޑްރާމާގެ ސްކްރިޕްޓް އަންނަ މަހުގެ 29 ވަނަ ދުވަހު އެންސީއޭ އަށް ހުށަހަޅަން ޖެހެ އެވެ.