އަބުޅޯ އާއި އަމީތު ދޫކޮށްލައި، ފަލާހު ހައްޔަރުކޮށްފި

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލައި، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް މިރޭ ހައްޔަރުކޮށްފިއެވެ.

މެމްބަރު އަބުޅޯ ހައްޔަރުކުރީ ރޭ މަޖީދީމަގުގައި ހުންނަ މަޒާޑާ ކެފޭ ކައިރީގައި ހުރެ، މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މީޑިއާތަކަށް ލައިވްކޮށް އިންޓަވިއުއެއް ދެއްވަން ހުއްޓައެވެ. އަދި އަމީތު ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒް ކައިރީގައި ހުއްޓައެވެ.

އެނގިފައިވާ ގޮތުގައި އަމީތާއި އަބުޅޯ ދޫކޮށްލީ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށް ފަހު އެވެ.

އެމްޑީޕީން ބުނީ މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން މެމްބަރު ފަލާހު އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޒްރާ މޫސާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުން ހައްޔަރުކުރީ އެމްޑީޕީ ހަރުގެ ކައިރިންނެވެ.

comment ކޮމެންޓް