ދިވެހި ކީޕަރުންނަށް އިތުބާރުކުރަން ޖެހޭ: ނަޒީހު

ރޭގެ މެޗަށް ފަހު ނަޒީހު ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފުޓުބޯޅާގައި ރަނގަޅު ކީޕަރެއް އުފެއްދުމަށް، އިތުބާރު ދޭން ޖެހޭ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީން ރޭ ކުޅުނު މެޗުގައި އެޓީމުން ކްލަބު ވެލެންސިއާ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔޫވީގެ ކީޕަރު ތޮލާލް ހަސަން (ތޮލާ)ގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. ހާއްސަކޮށް މެޗުގެ ފަހު ވަގުތުގައި ވެލެންސިއާ އަށް ލިބުނު ޕެނެލްޓީ ވެސް މަތަކޮށް، ތޮލާ ވަނީ އޭނާގެ ކްލީން ޝީޓް ހިފަހައްޓައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދަައްކަމުން ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ވެލެންސިއާއަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި ރޭގެ މެޗުގައި ޔޫވީގެ ފަރާތުން ފެނުނީ ފުޓްބޯޅާގައި އޭނާ ގަބޫލުކުރާ "ސްޓައިލް" ކަމަށެވެ.

"ޔޫވީ މި ބަލިކުރީ ރަނގަޅު ފެންވަރެއްގެ ޓީމެއް. ކުޅުންތެރިންގެ ހިތްވަރު އެންމެ ފާހަގަ ކުރެވުނީ. އަޅުގަނޑު މެޗުގެ ކުރިން ދިން ޕްރެޝަރުގައި ވެސް ފާހަގަކުރިން އަޅުގަނޑު ގެންގުޅޭ ޓީމެއްގައި ހުންނާނޭ އަޅުގަނޑުގެ އެ ހުންނަ ސަޅި ކަމާއި އަޅުގަނޑުގެ ގައްޑާ ގޮތްތައް ބޯޅަ ކުޅުމުގެ،" ނަޒީހު ބުންޏެވެ.

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ ޔޫވީއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަޒީހު ބުނީ ރޭގެ މެޗުގައި ކީޕަރު ތޮލާގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި އޭގެ ސިއްރަކީ އޭނާ އަށް ދޭން ޖެހޭ ފުރިހަމަ އިތުބާރު ދިނުން ކަމަށެވެ.

"ތޮލާއަށް ވަރަށް އިތުބާރު ކުރަން. ކުރިން ވިކްޓްރީގައި ވެސް އަޅުގަނޑާ އެކު މަސައްކަތްކުރި. ދިވެހި ކީޕަރުންނަށް ވެގެން މިއުޅޭ ގޮތަކީ އެ މީހުންނަށް އިތުބާރު ނުކުރަނީ. އިތުބާރު ނުކުރާ މީހަކު ނުލާނެ. ތޮލާއަށް އަޅުގަނޑު އިތުބާރުކޮށް އޭނާ ލައިގެން ކުޅުނީމަ ކޮންކަހަލަ ސޭވްތަކެއްތޯ އެކުރީ. ފުރަތަމަ ކޮޅުގައި ފެނުނު ޑަބަލް ސޭވްއެއް. ވަރަށް ހަލުވިކޮށް ރިއެކްޓްކުރި. އެއީ މެޗު ވިނިން ސޭވްތައް އެ ފެންނަނީ. ގޯލް ކީޕަރުގެ މަސައްކަތަށް ވަރަށް މަސައްކަތް ކުރަން،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ޔޫވީއަށް ވެސް މި ސީޒަންގައި ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޓީމުތަކުގެ ފެންވަރު އަޅާކިޔާ އިރު މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. ފުޓުބޯޅައަކީ ފޮތުގައި ލިޔެގެން ކުޅެވޭ އެއްޗެއް ނޫން ކަމަށާއި ފުޓުބޯޅާގައި ނަތީޖާ ނުކުންނާނީ ދަނޑު މަތީގައި ކުޅޭ ކުޅުމުން ކަމަށް ވެސް ނަޒީހު ފާހަގަކުރި އެވެ.

ކްލަބު ވެލެންސިއާގެ ކޯޗު ޞަބާޙް މުޙައްމަދު -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

ސީޒަންގެ ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މެޗުން ފެނުނީ ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކަމަށެވެ.

ސޮބާ ބުނީ އުންމީދީ ކަންތައްތަކަށް ވުރެ ބޮޑަށް ފެނުނީ ފިޓްނަސް އާއި ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ދަށްކޮށް ދިޔަ ތަން ކަމަށެވެ. އަދި ޔޫވީއާ ދެކޮޅަށް ރޭ ކުޅުނު ވަރަށް ވުރެ ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށާއި ޓީމުން ވަރަށް ބޮޑެތި މަސައްކަތަކެއް ކުރަން ޖެހޭ ކަމަށް ސޮބާ ބުންޏެވެ.

މާލޭ ލީގުގެ މި ހަފްތާގެ މެޗުތައް ނިމިފައިވާ އިރު، އަންނަ ހަފްތާގައި ޔޫވީ ނުކުންނާނީ ހުކުރު ދުވަހު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާ ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް