ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލޭގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި އެވެ.
މެމްބަރު އަބުޅޯ ހައްޔަރުކުރީ މަޖީދީމަގުގައި ހުންނަ މަޒާޑާ ކެފޭ ކައިރީގައި ހުރެ، މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މީޑިއާތަކަށް ލައިވްކޮށް އިންޓަވިއުއެއް ދެއްވަން ހުއްޓައެވެ.
އެނގިފައިވާ ގޮތުގައި އަމީތު ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒް ކައިރީގައި ހުއްޓައެވެ.
މެމްބަރު އަބުޅޯ އާއި އަމީތު މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން ވެސް އެ ދެ މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެދުވަހުގެ ރޭ ވަނީ ދެ މެމްބަރުން ވެސް ބަންދުން ދޫކޮށްލައިފައެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ދެ މެމްބަރުންގެ އިތުރުން އަދާލަތު ޕާޓީ ގައުމީ މަޖިލިސް މެމްބަރު ތޫބާ ރަޝީދާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ އަދި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އެ ދެމީހުން ވެސް ހައްޔަރުކުރީ ކުނޫޒު ކައިރިންނެވެ.