ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދު ކުރީ ރަންވޭ ތަރައްގީކުރުމުގެ މަަސައްކަތަށް: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކުރީ ރަންވޭއާ ގުޅިގެން ކުރަންޖެހޭ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ދާތީ ކަމަށާއި އެފަދައިން އެއާޕޯޓުގެ ރަންވޭ އާންމުކޮށް ބަންދުކުރަމުން ގެންދާތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ ކަމަށް އެއާޕޯޓް ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެއާޕޯޓަށް ދަތުރުކުރަން އޮތް ބައެއް ފްލައިޓްތައް ކުއްލި ގޮތަކަށް ކެންސަލް ކޮށްފައިވާ ކަމަށް ބުނެ މީޑީއާތަކުގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އެއާޕޯޓް ބަންދުކުރީ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތައް ކުރުމަށް ކަމަށެވެ.

ހަސަން ވިދާޅުވި ގޮތުން، މިހާރުގެ ރަންވޭއާ އާ ރަންވޭ ގުޅާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ރަންވޭ ބަންދުވާނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 31 އިން ފެށިގެން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމައަށް ބަންދުވާނެ ކަމުގެ މައުލޫމާތު ހުރިހާ އެއާލައިނަކަށް މީގެ ކުރިންވެސް ދީފައިވާނެ ކަމަށެވެ.

މިރޭ ސްރީލަންކާއިން މާލެ އަންނަން ހަމަޖެހިފައި އޮތް ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ފުރުން ލަސްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބަންދުކުރުމުގެ ކުރިން އެ ފްލައިޓަށް ރާއްޖެއާ ހަމައަށް ވާސިލުނުވެވޭނެތީ، އެ ފްލައިޓު ރޭ ވަނީ ކެންސަލް ކޮށްފައެވެ.

comment ކޮމެންޓް