ނިހާންގެ ތައުރީފް އަދުރޭއަށް: އަދުރޭ އަކީ ޖެނެރަލެއް

ނޮވެމްބަރ 21، 2017: ޕީޕީއެމްގެ ޖަގަހަ، "ރުމާލު 2"ގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ގަދަފަދަ ފަހުލަވާނެއް ކަމަށާއި އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖެނެރަލެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ރުމާލު 2 ގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އަދުރޭ އަދާ ކުރެއްވި ދައުރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

ނިހާން ވިދާޅުވީ އަދުރޭއަކީ "އައް ސައްޔިދު އަބްދުއް ރަހީމް އަބްދުﷲ" ކަމަށެވެ.

"އަބްދުއް ރަހީމް ކުރައްވާ މަސައްކަތަށް ސާބަސް. އެ ދައްކަވަނީ ވަރަށް ވަރުގަދަ ހިތްވަރެއް. އެމަނިކުފާނަށް ޖެނެރަލެއްގެ ލަގަބު ދެން. އައް ސައްޔިދު އަބްދުއް ރަހީމް" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މިއަދު ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކެއް ފެބުރުއަރީގެ ހުކުމާ ގުޅޭ ގޮތުން ވެވަޑައިގެންނެވި އިއުތިރާފަކީ އެދުވަހުން ފެށިގެން އަދުރޭ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުން ދެއްކި ވާހަކަ ތަކަކީ ތެދެއްކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ.

ނިހާންގެ ވާހަކަފުޅުގައި ވަނީ ރައީސް މައުމޫނަށްވެސް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އަދި ވިދާޅުވީ ނާކާމިޔާބުވި ބަގާވާތުގައި "އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގެން ކަމީ ހިތާމަ ހުރި ކަމެއް" ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވީ ބަޣާވާތުގައި ރައީސް މައުމޫންގެ ނަން އޮތުމަކީ ރާއްޖޭގެ ތާރީޚުގެ ފަތްފުއްތަކުގައި ހުތުރުކޮށް ލިޔެވޭނެ ކަމެއް ކަމަށެވެ. އަދި ނިހާންގެ ބަހުގެ ހޫނު ހަމަލާތައް ގާސިމަށް ވަނީ އަމާޒުކުރައްވާފައެވެ. ނިހާން ވިދާޅުވީ ބަޣާވާތައް ޚަރަދު ކުރީ ގާސިމް ކަމަށެވެ.

"ދެން އޮތީ މި ބަޣާވާތަށް އުންޑަކައްކާ ޚަރަދު ކުރި މީހާގެ ވާހަކަ. އެމަނިކުފާނަކީ ނިކަން އަވަހަށް އިއުތިރާފްވެ ރުޖުއުއަ ވާ ބޭފުޅެއް،" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ޕީޕީއެމް އިން މިހާތަނަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތު ކަމަށެވެ. އަދި ބަޔަކަށް އެކަންކަން "ހަޖަމް" ނުވި ކަމުގައި ވީ ނަމަވެސް އެކެއް ފެބްރުއަރީގައި ގެންނަން އުޅުނީ "ހުތުރު ބަޣާވާތެއް" ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން މިރޭ އަދުރޭއަށް ތައުރީފް ކުރައްވާފައިވާއިރު ޕިޕީއެމް އޮފީހުގައި ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާ ގުޅިގެން އަދުރޭ އަށް ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

comment ކޮމެންޓް