ނަހުލާ މިފަހަރު ގެނެސްދެނީ ވެބް ސީރީޒެއް

ހުވާގެ ބައެއް ތަރިންނާއި ޑައިރެކްޓަރުންނާއެކު ނަހުލާ ---

ރާއްޖޭގައި އުފައްދާ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ޑައިރެކްޓަރު/ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ފަށައިފިއެވެ.

"ހުވާ"ގެ ނަމުގައި ގެނެސްދޭ މި ސީރީޒްގެ މަސައްކަތް މިއަދު ފަށާފައިވާއިރު ގިނަ ފަންނާނުންތަކެއް ފެންނާނެ ކަމަށް ނަހުލާ ބުންޏެވެ.

"މިއީ ލޯބީގެ އެއްޗެއް. އާއިލީ މައްސަލަތައްވެސް ފެންނާނެ"، ގާތްގަނޑަކަށް 30 ސްޓާރުންނާއެކު މަސައްކަތް ފަށާފައިވާ ސީރީޒްއާ ގުޅޭގޮތުން ނަހުލާ ބުންޏެވެ.

މި ސީރީޒްގެ ލީޑް އަންހެންތަރިންގެ ގޮތުގައި ފެންނާނީ އާމިނަތު ރިޝްފާ އަދި ޝީލާ ނަޖީބެވެ. ފިރިހެން ތަރިންގެ ގޮތުގައި ގިނަ ތަރިންތަކެއް ފެންނާނެ ކަމަށް ނަހުލާ ބުންޏެވެ.

"އޭޕްރީލް ފަހުކޮޅު ފެންނާނެ. މިއީ އާ މަސައްކަތަކަށްވާތީ މީގެ ކޮންމެ މަންޒަރަކީވެސް އިންޓްރެސްޓިން މަންޒަރަކަށް ހަދަން މަސައްކަތް ކުރާނަން." މުހައްމަދު ފައިސަލް ޑައިރެކްޓު ކުރާ ސީރީޒް އާ ގުޅޭގޮތުން ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ ޑައިރެކްޓަރު ފައިސަލަށް ވަރަށް އިތުބާރު އެބައޮތް ކަމަށާއި މަސައްކަތުގައި ފައިސަލަށް އެހީވާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ކަމަށެވެ.

މި ސީރީޒްގެ 60 ޕަސެންޓު ޝޫޓްކުރާނީ ރާއްޖެތެރޭގައި ކަމަށާއި ޔޫއްޕެ އާއި ފައިސަލް މަސައްކަތް ކުރާނީ ނަހުލާގެ ހިޔާލާ އިރުޝާދުގެ ދަށުން ކަމަށް ނަހުލާ ބުންޏެވެ.

"މިއީ ރާއްޖޭގައި ނެރޭ އެންމެ ފުރަތަމަ ވެބް ސީރީޒް. ކޮލެޓީ، ރަނގަޅު، ސަޅި އެއްޗެއް ހަދަން ބޭނުންވާތީ ބޮޑު ހަރަދެއްކޮށްގެން ގިނަ ތަރިން ލައިގެން ހަދާ އެއްޗެއް މިއީ،" މި ވެބް ސީރީޒްއަކީ ދާއިރާ އަށް އާ ބަޔަކު އުފައްދާ އެއްޗެއްކަމަށް ނަހުލާ ބުންޏެވެ.

"މަސައްކަތާ ހަވާލުވީ ކޮލެޓީ މަސައްކަތެއް ބޭނުންވާ ބައެއްގެ ފަރާތުން ލިބުނު އޮފާ އަކަށް ވާތީ. މިއީ ވަރަށް ބުރަ މަސައްކަތެއް. އާ މަކެއް ވީމަ އެކަން ތަޖުރިބާކޮށްލާ، ޕްރޮޑިއުސަރުންގެ ގޮތުގައި ވަރުގަދަ ބަޔަކު ތިބީމަ އެމީހުންނާ ގުޅިގެން މަސައްކަތް ކޮށްލަން ބޭނުންވާތީ މިއާ ހަވާލުވީ،" މިދިޔަ އަހަރު ފިލްމު ބޮސް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ.

comment ކޮމެންޓް