އެސްޓީއޯގައި ސީއީއޯގެ މަގާމު އުފައްދަނީ

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު އުފެއްދުމާއި، އިތުރު ބަދަލުތަކަކާއެކު އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް އިސްލާހުތަކެއް ގެންނަން ހުށަހެޅުމަށް އެސްޓީއޯގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ޑޮކިއުމެންޓެއްގައި ވާ ގޮތުން، އެ ކުންފުނިން ހުށައަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި އެސްޓީއޯ ހިންގާ ގަވާއިދުގެ 69 ވަނަ މާއްދާ (މެނޭޖިން ޑިރެކްޓަރު)ގެ ދަށަށް 69.1 ގެ ގޮތުގައި ޗީފް އެޒެކެޓިވް އޮފިސަރު (ސީއީއޯ) އިތުރު ކުރުމަށް އިސްލާހު ހުށަހަޅަން ނިންމާފައިވެއެވެ.

އެ އިސްލާހުގައިވާ ގޮތުން، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރާ ޑިރެކްޓަރު، ކުންފުނީގެ ސީއީއޯގެ މަގާމަށްވެސް އައްޔަނުކުރަންވާނެއެވެ. އަދި ސީއީއޯގެ މަގާމަކީ މެނޭޖިންގް ޑިރެކްޓަރަށް ހަވާލުކުރެވޭ ޒިންމާއެއް ކަމަށާއި، އެ މަގާމުގެ މަސްއޫލިއްޔަތަކީވެސް މެނޭޖިންގް ޑިރެކްޓަރުގެ މަސްއޫލިއްޔަތު ކަމަށް އިސްލާހުގައި ވެއެވެ.

ސީއީއޯގެ މަގާމަށް އިތުރު މުސާރައެއް ނުދޭނެކަމަށް އިސްލާހުގައި ވެއެވެ.

މެނޭޖިންގް ޑިރެކްޓަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވަކިވެއްޖެނަމަ ސީއީއޯގެ މަގާމުންވެސް ވަކިވާނެކަމަށް އިސްލާހުގައި ވެއެވެ.

މި އިސްލާހު ހުށަހަޅަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް އެސްޓީއޯގެ ހިންގާ ގަވައިދު ބަދަލުކުރުމަށް ކަމަށް އެސްޓީއޯއިން އާންމުކުރި ޑޮކިއުމެންޓުގައި ވެއެވެ.

އެ އިސްލާހާއެކު އެ ކުންފުނީގެ ހިންގުމުގެ ގަވާއިދަށް އެހެންވެސް އިސްލާހުތަކެއް ގެންނަން ހުށައެޅުމަށް އެކުންފުނިންވަނީ ނިންމާފައެވެ.

ކުންފުނީގެ ހިންގާ ގަވައިދަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ކޮމެންޓުކުރަން އެދޭ ހިއްސާދާރުން، އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެކުންފުނީގެ ސެކްރެޓޭރިއެޓް އެންޑް ލީގަލް އެފެއާޒަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް