ހަމައެކަނި ވަރުގަދަ ކުޅުންތެރިން ލައިގެނެއް ނޫން ތަށި ގެނެސްފައި ހުންނާނީ: ސުޒޭން

މިދޔަ އަހަރުގެ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: މާލޭ ލީގުގެ ގަދަ ހަތަރެއް ވިކްޓްރީއަށް ގެއްލުމުން ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ސުޒޭންވަނީ ގދ. ތިނަދޫގެ ކޯޗުކަމުގެ މަގާމުންވެސް ފެނިފަައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާމި

މާލޭ ލީގު މިއަދު ފަށާއިރު، މިރޭ އޮންނަ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ކޯޗެއް ކަމަށްވާ އަލީ ސުޒޭން މި ސީޒަންގައި ގްރީން ސްޓްރީޓްސްގެ ބެންޗުން ފެނިގެންދާއިރު، މެޗާ ގުޅިގެން ވާހަކަ ދައްކަމުން ސުޒޭން ބުނީ ގްރީންއަކީ އާއްމުކޮށް އޭނާ ފެންނަކަހަލަ "ބިޔަ ބޮޑު" ކްލަބެއް ނޫން ނަމަވެސް ތަށްޓެއްގެ ވާހަކަ މިހާރުވެސް ދައްކަން ޖެހޭ ކަމަށެވެ.

"ހަމައެކަނި ވަރުގަދަ މީހުން ލައިގެން ނޫން ތަށި ގެނެސްފައި ހުންނާނީކީ. އާދައިގެ ލެވެލްގެ ކުޅުންތެރިންނާއެކުވެސް ތަށިތައް ގެނެސްފައި ހުންނާނީ. އެހެންވީމަ ގްރީންގެ މެނޭޖުމަންޓް މިހާރު އޮތް ގޮތަށް ބަލައި، އެއީ މާ އުނދަގޫ ކަމަކަށް ނުވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އޭނާ ތަށި ނަގައިފާ އަހަރުތަކާއި ގޮތްތަކުގެ ދިގު ތާރީހަށް ދާން ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް އޭނާ ހުންނަ ޓީމަކުން ތަށީގެ ވާހަކަ ދައްކާލެއް ބޮޑު ވާނެ ކަމަށެވެ.

2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގު ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ ސީޒަންގައި ސުޒޭންވަނީ މާޒިޔާއާއެކު ދިވެހި ޕްރިމިއާ ލީގު ނަގައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކުރަން ޖެހޭ މަސައްކަތް ތަންކޮޅެއް ބޮޑު ވެދާނެ (ގްރީން ސްޓްރީޓްސް) ގައި، އެކަމަކު ތަންކޮޅެއް ކުރީގެ މީހުންނަށް ހަނދާންވާނެ 2002، 2003 ހިސާބުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ތަށި މިލްކުކޮށްފައި ގާތް ގަނޑަކަށް 13 ވަރަކަށް ކުޅުންތެރިން ގޮވައިގެން މައުރޫފު އަހުމަދު (މާއްޓޭ) ދިޔައީ އައިއެފްސީއަށް. އެކަމަކު އެ އަހަރުވެސް ވިކްޓްރީން ތަށި ނަގައި ކާމިޔާބު ހޯދީ. އެހެންވީމަ ޗެލެންޖުއެއީ އާ އެއްޗެއް ނޫން. މިދައްކަނީ އުމުރުން 32 އަހަރުގެ ވާހަކަ. 50 އަށް ދާއިރު މާ ތަޖުރިބާ ހުންނާނެ ކަންނޭންގެ މިހާރު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މި ސީޒަނަށްވެސް ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެން ނަމަވެސް ގްރީންއަށް މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށެވެ.

"ގްރީން ސްޓްރީޓްސްގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް. ރަނގަޅު ސްކޮޑެއް އެބައޮތް. ބިދޭސީ ކުޅުންތެރިންވެސް ވަރަށް ރަނގަޅު ކުޅުންތެރިންތިބީ. ގްރީންއަކަށް ނޯންނާނެ މާބޮޑު ޕްރެޝަރެއް. އެއީ ގްރީންއަކީ ބޭނުންވިހާ ޕްލޭއަރުން، ނޫނީ ބޭނުންވި ހުރިހާ އެއްޗެސް ފުރިހަމައަށް ލިބިގެން ތައްޔާރުވި ޓީމަކަށް ނުވާތީ ޕްރެޝަރު ކުޑަވާނެ،" ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ގްރީންއަކީ މިވަގުތު ރަނގަޅު ހާލަތެއްގައި އޮތް ޓީމެއް ކަމަށާއި، މިދިޔަ އަހަރު އޭނާ ހަވާލުވި ވިކްޓްރީއަށްވުރެ ގްރީން މިހާރު އޮތް ހާލަތު ރަނގަޅު ކަމަށެވެ.

ސަން ޓީވީ ސްޕޯޓްސް ޕްރޮގުރާމްގައި ސުޒޭން ވާހަކަ ދައްކަނީ --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

އާއްމުކޮށް ދިވެހި ރާއްޖޭގެ މަދު ކްލަބަކަށް ފިޔަވައި ދެން ހުރި ކްލަބުތަކަށް ފައިސާގެ ދަތިތައް ސީޒަންގެ މެދުން ދިމާވާއިރު، ގްރީންވެސް ފާހަގަކޮށްލެވެނީ އެފަދަ މައްސަލަތައް ދިމާވާ ޓީމެއްގެ ގޮތުގައެެވެ. އެގޮތުން އެޓީމުގެ ކޯޗު، ސުޒޭން ބުނެފައިވަނީ ފައިސާގެ މައްސަލަ މި ސީޒަންގައިވެސް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތަކީ އެ ކަންކަމަކާ ކުރިމަތިލައިގެން، އެއީ ޗެލެންޖެއް ކަމަށް ދެކިގެން މަސައްކަތް ކުރުން ކަމަށްވެސް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ގްރީންއަކީ އެންމެ ބޮޑު ސްކޮޑަކާއެކު ނުކުންނަ ޓީމު ނޫން ނަމަވެސް ތަށްޓެއްގެ ވާހަކަ ގްރީންއިން ދައްކަން ވެއްޖެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ސުޒޭންގެ ކޯޗު ކަމުގެ ދަށުގައި ގްރީންއަށް ތަށްޓެއް ހޯދައިދޭނެ ކަމަށްވެސް ސުޒޭން ބުންޏެވެ.

އެންމެފަހުގެ މާލޭ ލީގު ޗެމްޕިއަން މާޒިޔާއާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް

25 ފެބްރުއަރީ 2018

  • 1600 ކްލަބު އީގަލްސް - ވިކްޓްރީ ސްޕޯޓްސް ކްލަބު
  • 2100 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން - ކްލަބު ގްރީން ސްޓްރީޓްސް

26 ފެބްރުއަރީ 2018

  • 1600 ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު - ޓީސީ ސްޕޯޓްސް ކްލަބު
  • 2100 ކްލަބު ވެލެންސިއާ - ޔުނައިޓެޑް ވިކްޓްރީ
comment ކޮމެންޓް