ބޮލީވުޑް ލެޖެންޑް ސްރީދޭވީ މަރުވެއްޖެ

ސްރީދޭވީ ---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ކަޕޫރު ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. މަރުވި އިރު އުމުރަކީ 54 އަހަރެވެ.

ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ދުވަހުގެ ރޭ 11:30 އެހާކަށް ހާއިރުއެވެ. ސްރީދޭވީ މަރުވިކަން އޭނާގެ ޅިޔަނު، ސަންޖޭ ކަޕޫރު ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

ސްރީދޭވީ މަރުވީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ފިރިމީހާ ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީ ކަޕޫރާއެކު ދުބާއީގައި ހުއްޓައެވެ.

"ސްރީދޭވީ މަރުވިކަމަށް ބުނާ ޚަބަރުތަކަކީ ތެދެއް. އަހަރެން މިއަދު ދުބާއީއިން މި އައީ. އަނެއްކާ މިދަނީ އެނބުރި ދާން. މިރޭ 11:00 - 11:30 އެހާކަށް ހާއިރު މަރުވީ،" ސަންޖޭ ކަޕޫރު ބުނެފައިވެއެވެ.

ސްރީދޭވީ އޭނާގެ ފިލްމީ ކެރިއަރު ފެށީ ވަރަށް ކުޑައިރުއެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ސްރީދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށެވެ.

ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، 'ޗާލްބާޒް'، "'ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނޭ އިރު، އޭނާ ކުޅެފައިވާ ފިލްމުތަކުގެ އަދަދު 275 އަށް އަރައެވެ. އެއީ ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ފިލްމުތައް ވެސް ހިމަނައިގެންނެވެ.

ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.

ދަރިއަކު ލިބުމާއެކު ސްރީދޭވީ ވަނީ ކެމެރާ ކުރިމަތިން ގެއްލިފައެވެ. ނަމަވެސް އޭގެ 15 އަހަރު ފަހުން "އިންގްލިޝް ވިންގްލިޝް" އާއެކު ވަނީ އެނބުރި އައިސްފައެވެ. ސްރީދޭވީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "މޮމް" އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

comment ކޮމެންޓް