ފަނޑިޔާރުންނަށް ފައިސާ ނުދޭކަމަށް ވިދާޅުވެ ގާސިމް ހުވާކުރައްވައިފި

އައްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އަދި ގާސިމް އިބްރާހިމް: ގާސިމް ވަނީ ފަނޑިޔާރުންނަށް ރިޝްވަތު ނުދެއްވާ ކަމަށް ހުވާކުރައްވާފައި -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ރިޝްވަތުގެ ގޮތުގަޔާއި އެނޫން ގޮތެއްގައިވެސް އެއްވެސް ފަނޑިޔާރަކަށް ފައިސާ ދީފައިނުވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުވާކުރައްވައިފިއެވެ.

ޝަރުއީ ދާއިރާ މެދުވެރިކޮށް ބަޣާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހްގީގު ކުރަމުންނެވެ. އެ މައްސަލާގައި ގާސިމް އިބްރާހިމް ވެސް ޝާމިލްވާ ކަމަށް ތުހުމަތުކޮށް ސަރުކާރުގެ އިސްވެރިޔަކު ވަނީ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވާފައިވަނީ ގާސިމް އިބްރާހިމް ކަމަށް ތުހުމަތުކޮށް ޓްވީޓެއް ވެސް ކޮށްފައެވެ.

އެ ކަމަށް ރައްދު ދެއްވައި ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް އެއްވެސް އަމަލެއް އެމަނިކުފާނާއި އާއިލާގެ މެންބަރެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ވާހަކަތަކަކީ އިދިކޮޅު ފަރާތްތައް ފްރޭމް ކުރުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ގާސިމް ވަނީ ތުހުމަތުކުރައްވާފައެވެ.

"އެންމެ ލާރިއެއް ވެސް ނުދޭ ކަމަށް އަޅުގަނޑު ﷲ ގަންދީ ހުވާކޮށްފަ މި ދަންނަވަނީ. އެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން އެ ދައްކަވަނީ. އަޅުގަނޑުގެ ދަރިފުޅު ވެސް އެހުރީ ހައްޔަރުކޮށްފަ،" ގާސިމް ވިދާޅުވިއެވެ.

"އިންޑިއާ ސަރުކާރުން މައުމޫން މެދުވެރިކުރައްވައި ލާރި ދިނީމަ އަޅުގަނޑޭ އެ މީހުނަށް ރިޝްވަތު ދިނީ ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޮން ވާހަކައެއް ތޯ މިއީ. އެއްވެސް ހަގީގަތެއް އޮތް ވާހަކަ އެއް ނޫނޫ އިގޭތޯ. ﷲ ގަންދީ ހުވާކޮށްފަ މި ދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން. އެއީ ހުސް ބަދުނާމު އެ އަޅުވަނީ،"

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ސަރުކާރުން އިތުރުކުރުމުން ގާސިމް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ޔޫރަޕްގެ ފަތުރުވެރިން ރާއްޖެ އައުމަށް ދެކޮޅު ހަދަމުން އަންނަ ކަމަށާއި އެ ގައުމުތަކުގެ ސަރުކާރުތަކުން ވެސް ރާއްޖެ ނައުމަށް ލަފާ ދެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް