އިނގިރޭސިވިލާތުގައި ޕްލާސްޓިކް ހޮޅި މަނާކުރަނީ

ޖޫސް ފަދަ ބުއިްނތައް ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓުތަކާއި ބާ ތަކުގައި ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.

މި ނިންމުމަކީ ތިމާވެއްޓާ ރަހުމަތްތެރި އިތުރު ގޮތްތަކެއް ހޯދަން ބާރުއެޅުމަށް ނިންމާ ނިންމުމެކެވެ. އެގައުމުގެ އެންވާރަމަންޓް ސެކްރެޓަރީ ވަނީ އެފަދަ އިޝާރާތެއް ކުރައްވާ ވާހަކަ ދައްކަވައިފައެވެ.

އިނގިރޭސިވިލާތުގެ މެރިން ކޮންޒަވޭޓިވް ސޮސައިޓީއިން ލަފާކުރާގޮތުގައި އަހަރެއްގެ މައްޗަށް އެ ގައުމުގައި 8.5 ބިލިއަން ޕްލާސްޓިކް ހޮޅި ބޭނުންކުރެއެވެ. ގޮނޑުދޮށްތައް ސާފުކުރާއިރު އެންމެ ގިނައިން ފެންނަ ކުނީގެ ބާވަތްތަކުގެ ތެރޭގައިވެސް ޕްލާސްޓިކް ހޮޅި ހިމެނޭ ކަމަށް އެ ގްރޫޕުން ބުނެއެވެ.

ކުރިއަށް އޮތް 25 އަހަރު ތެރޭގައި ކޮންމެހެން ބޭނުންކުރަން މަޖުބޫރު ޕްލާސްޓިކް ފިޔަވައި ޕްލާސްޓިކްގެ އެހެން އުފެއްދުންތައް އެގައުމުގައި މަނާކުރަންޖެހޭކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ މިއަހަރުގެ ޖެނުއަރީ މަހު ވަނީ ވިދާޅުވެފައެވެ.

ޕްލާސްޓިކް ހޮޅިއެއް ނެތިދިއުމަށް 500 އަހަރު ވާކަމަށް ހޯދުންތައް ދައްކައެވެ.

މައިކްރޯބީޑްސް އެކުލެވޭ އުފެއްދުންތައް އުފެއްދުން މިދިޔަ އަހަރު އެގައުމުގައި މަނާކޮށްފައިވާއިރު އަންނަ ޖޫން މަހުން ފެށިގެން އެފަދަ އުފެއްދުންތައް ބޭނުންކުރުންވެސް އިނގިރޭސިވިލާތުގައި މަނާ ކުރާނެއެވެ.

comment ކޮމެންޓް