ބޭނުންވަނީ ލިވަޕޫލާއެކު ޕްރިމިއާ ލީގު ހޯދަން: ސަލާހް

ލިވަޕޫލްގެ މުހައްމަދު ސަލާހް --- ފޮޓޯ/އޭޕީ

އިނގިރޭސި ޕްރިމިއާލީގު ހޯދުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، އެކަން ކުރަން ބޭނުންވަނީ ލިވަޕޫލާއެކު ކަމަށް މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފިއެވެ.

މި ސީޒަނަށް ލިވަޕޫލާ ގުޅުނު ސަލާހު ފާހަގަކޮށްލެވެނީ މި ސީޒަންގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން 22 ގޯލް ޖަހައިފައިވާ ސަލާހު އަންނަނީ ޕްރިމިއާ ލިީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައިވެސް ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ލިވަޕޫލްއަށް ލީގު ދެވަނައަށް އެރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ސަލާހު ބުނެފައިވަނީ އޭނާ ލިވަޕޫލާ ގުޅުނީ ތަށި ހޯދުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް އިނގިރޭސި ލީގުގެ ތަށި އުފުލާލުމަކީ. އެކަމަށް މަސައްކަތްވެސް ކުރަމުން މިދަނީ. ލީގު އުފުލާލަން ބޭނުމީ ލިވަޕޫލާއެކެ. އަހަރެން ލިވަޕޫލާ ގުޅުނީވެސް ތަށި ހޯދުމަށް،" އުމުރުން 25 އަހަރުގެ ސަލާހް ބުންޏެވެ.

ސަލާހް ބުނީ ލިވަޕޫލަށް ތަށްޓެއް ނުލިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި، ސަޕޯޓަރުންނާއި ކުޅުންތެރިން ކުރަމުންދާ އިންތިޒާރަށް ނިމުން ގެނެސްދޭން ތައްޔާރަށް ހުރި ކަމަށެވެ.

"ލިވަޕޫލްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނީ ތަށްޓެއް ހޯދުމަށް 100 ޕަސެންޓް މަސައްކަތް ކުރަމުން. އަހަރެންގެ މުޅި ހަޔާތަކީ ފުޓުބޯޅަ. މުޅި ދިރިއުޅުން ބިނާ ކުރަނީ ފުޓުބޯޅައަށް. ލިވަޕޫލްއާއެކު ޕްރިމިއާ ލީގު ހޯދަން ތައްޔާރަށް މިހުރީ،" ސަލާހް ބުންޏެވެ.

ސަލާހް ބުނީ ލިވަޕޫލްގައި މިހާރު އޮތް ސްކޮޑާއެކު ކުޅޭ ކުޅުމުން އޭނާއަށް ކުރިއެރުތައް އަންނަ ކަމަށާއި، އަބަދުވެސް އޭނާގެ ވިސްނުން ހުރީ ކުރިއެރުމާ ދިމާއަށް ކަމަށެވެ.

comment ކޮމެންޓް