ސީރިއާ ސިފައިން ގޫތާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 400އަށް

ސީރިއާ ސިފައިން ގޫތާއަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (ފެބްރުއަރީ 23): ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ގޫތާއަށް ސަރުކާރުގެ ފައުޖުތަކުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރައިފިއެވެ.

ރަޝިއާގެ ހަނގުރާމަ މަތީ ބޯޓުތަކުގެ އެހީއާއެކު ސީރިއާ ސިފައިން ގޫތާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށިތާ މިހާރު ވަނީ ފަސް ދުވަސް ވެފައެވެ. އަދި އެހަމަލާތަކުގައި މަރުވި އާންމުންގެ ތެރޭގައި 150 ކުޑަކުދިން ހިމެނޭ ކަމަށާއި އިތުރު 2،120 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުންޏެވެ.

ސީރިއާ ސަރުކާރުން ހިސާރުކޮށްފައިވާ ގޫތާގައި ދިރިއުޅޭ މީހުންގެ އަދަދު 400،000 އަށް އަރައެވެ. އަދި ސަރުކާރުގެ ހިސާރުގެ ސަބަބުން އެސަރަހައްދުގައި އިންފްލޭޝަން އިތުރުވެ، އެންމެ ޕާނެއްގެ އަގު ވަނީ ފަސް ޑޮލަރަށް އަރާފައި ކަމަށް އދ.ން ބުނެއެވެ.

އެހެންކަމުން ގޫތާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި 30 ދުވަހަށް ހަމަލާތައް ހުއްޓާލަން އަންގާ ގަރާރެއް، ސްވީޑަންއާއި ކުވޭތުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހަޅާފައެވެ. ނަމަވެސް ރަޝިއާއިން ވަނީ އެގަރާރަށް އިސްލާހުތައް ގެންނަން ޖެހޭކަމަށް ބުނެ، ގަރާރާ މެދު އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް ބުނެފައެވެ.

ސީރިއާގެ ހަނގުރާމައަށް ހަތް އަހަރު ފުރެން ގާތްވެފައިވާ އިރު އެހަނގުރާމައިގައި 350،000 އަށް ވުރެ ގިނަ މީހުން މަރުވެ، ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް