ސޫރިޔާގެ ޣޫތާ އައްޝަރްގިއްޔާ ދުނިޔެމަތީގެ ޖަހީމަކަށް ބަދަލުވެ ރައްޔިތުން ކަތިލެވެމުން ދަނީ

އދ. މަޖިލިސް (ފެބްރުއަރީ 22): ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ޣޫތާ އައްޝަރްގިއްޔާގައި ހިނގަމުންދާ ހަނގުރާމައިގާ ގިނަ އަދަދަކަށް އާންމުން މަރުވަމުންދާތީ އެސަރަހައްދުގައި ވަގުތީ ގޮތުން ޙަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއްގެ ދެލިކޮޕީ ކުވައިތާއި ސްވިޑްން އިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިދެލިކޮޕީ ޣޫތާގައި ހަނގުރާމަކުރާ ހުރިހާ ފަރާތްތަކަކަށް ގޮވާލަނީ ތިރީސް ދުވަސްވަންދެން ހަމަލާތައް ހުއްޓާލުމަށާއި ޣޫތާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަންނައުނުފަދަ އިންސާނީ އެހީގެ ތަކެތި އެސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރްސަތު ދިނުމަށެވެ.

އަނެއްކޮޅުން ރަޝިޔާވެސް ވަނީ ޣޫތާގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ. ރަޝިޔާއަކީ ޣޫތާ މިނިވަންކުރުމަށް ސޫރިޔާ ސަރުކާރުން ކުރަމުންގެންދާ ހަނގުރާމައިގާ ސޫރިޔާ ސިފައިންނަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ. އަދި ސޫރިޔާގެ ވައިގެ ސިފައިން ޣޫތާއަށް ޙަމަލާތައްދެމުން ގެންދާގޮތަށް ރަޝިޔާގެ ފައިޓަރޖެޓް ތަކުންވެސް ގެންދަނީ ޣޫތާގެ އެތަން މިތަނަށް ވަރުގަދައަށް ޙަމަލާތައް ދެމުންނެވެ. ސޫރިޔާ ސިފައިންނާއި ރަޝިޔާގެ ޙަމަލާތަކުގައި ޣޫތާގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު ފާއިތުވި ދެތިންދުވަހު މަރުވެފައިވާއިރު މަގުތަށްވަނީ ލޭގެ ކޯރުތަކަކަށް ބަދަލުވެފައެވެ. ޣޫތާގައި ޒަޚަމްވާ މީހުންނަށް ފަރުވާދޭނެ ގޮތެއް ނެތްއިރު މަރުވާމީހުން ވަޅުލާނެ ގޮތެއްވެސް ނެތެވެ.

ޣޫތާގައި ފައިހަރުކޮށްލައިގެން ތިބީ ތުރުކީއާއި ސައޫދީ އާއި ގަތަރުފަދަ ބޭރު ގައުމުތަކުގެ އަސްކަރީ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކެވެ. މީގެތެރޭގައި ޖައިޝުލްއިސްލާމް ފަދަ ސަލަފީ ތަކްފީރީ ފިކުރުގެ ޖަމާއަތްތަކާއި އެމެރިކާއާއި ތުރުކީ އާއި ޔޫރަޕްގެ ގައުމުތަކުގެ މަދަދު ލިބޭ ފްރީސީރިޔަން އާމީ ފަދަ ލެބެރަލް ފިކުރުގެ ޖަމާއަތްތައްވެސް ހިމެނެއެވެ. މިހުރިހާ ޖަމާއަތްތަކަކީވެސް ސޫރިޔާ ސަރުކާރު ގަދަ ބަރުން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކެވެ.

ޣޫތާގެ މަންމައަކު އޭނާގެ މަރުވެފައިވާ ދަރިފުޅުގެ ގަބުރުގައި ބައްދައިގަނެގެން

މިޖަމާއަތްތަކުން ޣޫތާ އައްޝަރްގިއްޔާއަށް އަތްގަދަކޮށްގެން އުޅެނީ ދެހާސް ތޭރަވަނަ އަހަރުން ފެށިގެންނެވެ. އެދުވަސްވަރުން ފެށިގެން ސޫރިޔާ ސިފައިންވަނީ އެސަރަހައްދު ވަށާލައި ޙިސާރުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިޙިސާރުގެ ބޭނުމަކީ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށް އިނދަޖައްސާލުމެވެ. ނަމަވެސް އޭގެބަދަލުގައި ޙިސާރުގެ ސަބަބުން ބަލިކަށިވެ ނިކަމެތިވެގެން ގޮސްފައިވަނީ ޣޫތާގެ އާންމު ރައްޔިތުންނެވެ.

ޣޫތާގައި ހަރަކާތްތެރިވާ މުރާސިލުން ބުނަނީ ސޫރިޔާގެ އަސްކަރީ ބޯޓުތަކުންނާއި ރަޝިޔާގެ ހަނގުރާމަމަތީ ބޯޓުތަކުން އެޅި ބޮމާއި ދިން މިސައިލް ހަމަލާތަކުގައި ޑަޒަން ޑަޒަނަށް މީހުން މަރުވަމުންދާ ކަމަށާއި ޣޫތާގެ ގިނަ އަވަށްތަކުން އިވެނީ އަންހެނުންނާއި ކުޑަކުދިން ރުއިމާއި ވޭނުގެ އަޑުކަމުގައެވެ. ޣޫތާގެ ހާލަތު މިވަނީ އިންސާނީ ޒަމީރަށް ތަހައްމަލް ނުކުރެވޭފަދަ އިންސާނީ ގިލަންވެރި ކަމެއްގެ ތެރޭގައި ކަމަށާއި ޣޫތާގެ އާންމުން މަރުން ސަލާމަތް ވުމަށް "ތެޅެމުންދާ ތެޅުން" ދުލާއި ގަލަމުން ބަޔާން ނުކުރެވޭނެ ކަމަށްވެސް އދ. ން ވަނީ ބުނެފައެވެ.

ޣޫތާގައިވާ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައްވެސް ފުނޑުފުނޑު ވެފައިވާއިރު ޒަޚަމްވެފައިވާ އެތަށް ސަތޭކަ ބަޔަކަށް ފަރުވާދޭނެ ގޮތެއްވެސް ނެތި ފަރުވާ ނުދެވިގެން އެމީހުން މަރުވަމުންނެވެ. ޣޫތާގެ ހާލަތު މިހިސާބަށް ގޮސްފައިވާއިރުވެސް ޣޫތާގައި ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތްތަށްވެސް ދޫދީ އަމާން ދޭކަމަށް ބޭނުންމެއް ނުވެއެވެ. އެޖަމާއަތްތަކުންވަނީ އެންމެ ފަހު މީހާއާ ޖެހެންދެން ސޫރިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމަށާ އަމާންނުދޭނެ ކަމުގައެވެ.

ސޫރިޔާގެ ރަސްމީ ޓީވީން ބުނީ ބޭރުގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ އަތްދަށުން ޣޫތާ މިނިވަންކުރުމަށް ޓަކައި ކިތަންމެ ބޮޑު އަގެއް ދައްކަންޖެހުނު ނަމަވެސް ސޫރިޔާ ސިފައިން އެކަން ކުރާނެ ކަމަށާ ހަނގުރާމަވެރިން ބޭރުކޮށްލެވިގެން ނޫނީ އެސަރަހައްދަށް ސުލްހަ ގެނެވި ރައްޔިތުންނަށް އަމާންކަން ނުލިބޭނެ ކަމުގައެވެ.

ޣޫތާގައި ކުރިޔަށް މިދަނީ ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ހަލަބްގައި މިދިޔަ އަހަރު ކުރިޔަށްދިޔަ ބާވަތުގެ ހަނގުރާމައެކެވެ. ހަލަބްގެ ހަނގުރާމަވެސް ނިމި އެސަރަހަދަށް ސުލްހަ ގެނެވި ރައްޔިތުންނަށް އަމާންކަން ލިބިގެން ދިޔައީ ބާރުގެ ބޭނުންކޮށްގެން އެރަށުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ބޭރުކޮށްލައިގެންނެވެ. ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި މިހާރު އޮތް ހަލަބަކީ ހަމަޖެހުން އޮތް ރަށެކެވެ. ނަމަވެސް ޙަލަބް މިނިވަން ކުރެވުނުއިރު އާންމުންގެ އެތަށް ހާސްބަޔަކު މަރުވެ މުޅި ރަށްވަނީ ލޭގެ ކޯރަކަށް ބަދަލުވެފައެވެ. އަދި ޙަލަބް ވަނީ މުޅިން ހަލާކުވެ ވީރާނާވެފައެވެ.

ޙަލަބްގެ އިތުރުން މިދިޔަ އަހަރު ސޫރިޔާ ސިފައިން އެގައުމުގެ ގިނަ ސަރަހައްދުތަކެއް އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކޮށްފައިވާއިރު އެސަރަހައްދުތައް ވީރާނާވެފައި ވީނަމަވެސް އެތަންތަނަށް މިހާރު ވަނީ ހަމަޖެހުން ގެނެވި ސުލްޙަ ގާއިމްކުރެވިފައެވެ. އަދި އެތަންތަނަށް އާންމުން އަލުން އައިސް ދިރިއުޅެންވެސްވަނީ ފަށާފައެވެ. އަދި ވީރާނާވެފައިވާ ތަންތަން އަލުން އާރާސްތުކުރުމުގެ މަސައްކަތެވެސް ވަނީ ފަށާފައެވެ.

ސޫރިޔާގައި ހަނގުރާމަ ހިނގަމުންދަނީ ބޭރުގެ ބާރުތަކެއް އަޑީގައި ތިބެގެންނެވެ. ކޮންމެ އަގެއް ދައްކައިގެންނަމަވެސް ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ފަހަތުގައި ތިބީ އެމެރިކާ، ތުރުކީ، ސައޫދީ، ގަތަރު އަދި ޔޫރަޕްގެ ބައެއް ގައުމުތަކެވެ. ސޫރިޔާ ސަރުކާރުގެ ފަހަތުގައިވަނީ ރަޝިޔާއާއި އީރާންއެވެ. މިހުރިހާ ބޭރުގެ ފަރާތްތަކެއްވެސް މަސައްކަތްކުރަނީ އެގައުމުތަކުގެ ޖިއޮޕޮލިޓިކަލް މަސްލަހަތުތައް ހިމާޔަތް ކުރުމަށެވެ. ހަލާކުވެ މަރުވެ ފަނާވެ ވީރާނާވެގެންދަނީ ސޫރިޔާއާއި އެގައުމުގެ ރައްޔިތުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް