އީރާނަށް ހަތިޔާރު ނުފޮނުވާނެކަމުގެ ޔަގީންކަން ޗައިނާއިން ދިން: ޓްރަމްްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފައި. ފޮޓޯ/އޭއެފްޕީ

އީރާނާއި އެމެރިކާއާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނަށް ހަތިޔާރު ނުފޮނުވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ މިދިޔަ ހަފްތާ ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު ނެރުއްވި ބަޔާނެއްގައެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވާއިރު، އަހަރުތަކެއް ވަންދެން އީރާނަށް ހަތިޔާރު ފޯރުކޮށްދިން ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ވަނީ ޗައިނާއަށް ވަޑައިގަންނަވާފައެވެ.

"ރައީސް ޝީ ވަނީ އީރާނަށް އެއްވެސް ހަތިޔާރެއް ނުފޮނުވާނެ ކަމަށް ވައުދުވެވަޑައިގެންފައި." ވައިޓް ހައުސްގެ ބޯލްރޫމް ކޮންސްޓްރަކްޝަން ސައިޓުގައި ބޭއްވި އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފަދައިން ޝީ ވެސް ބޭނުންފުޅު ވަނީ އީރާނުން ކޮންޓްރޯލު ނަގާފައި އޮތް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވަން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޗައިނާ ދަތުރުފުޅުގައި އީރާނަށް ހަތިޔާރު ފޯރުކޮށް ނުދިނުމަށް ޗައިނާގައި އެދިފައިވާ ކަމަށާއި ނޫން ނަމަ ނަތީޖާ ގޯސްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ރޮއިޓާސް ނޫހުން މީގެކުރިން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމުގެ ކުރިން އެމެރިކާއިން ވަނީ އީރާނަށް ނުފޫޒު ފޯރުވައިގެން ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.

އީރާނަށް އަލުން ހަމަލާދޭން ޖެހިދާނެ

އޭޕްރީލް އަށް ވަނަ ދުވަހުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައި އޮތްއިރު، ދާއީމީކޮށް ހަނގުރާމަ ހުއްޓާލުމުން ވަގުތު ކުޑަތަންވަމުން އަންނަ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން އަންގާރަ ދުވަހު އީރާނަށް ހަމަލާ ދޭން ރޭވި ކަމަށާއި ނަމަވެސް ގަތަރާއި ސައުދީ އަރަބިއާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ އެދުމުގެ މަތިން އެކަން މަޑުޖައްސާލާފައިވާ ކަމަށް ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

ހަމަ އެ ދުވަހު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން އިސްލާހުކޮށްފައިވާ 14 ނުކުތާގެ ސުލްހައިގެ ޕްލޭނެއް އެ ގައުމުން ވަނީ ހުށަހަޅާފައެވެ.

ހަނގުރާމައާ ގުޅޭ އެންމެ ފަހުން މައުލޫމާތަށް ބަލާއިރު، މިހާރު އޮތީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އިތުރު ވަގުތު ދީފައި ކަަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު ނެރުއްވި ބަޔާނެއްގައި، އީރާނަށް ހަތިޔާރު ފޯރުކޮށްނުދިނުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވައުދުވެވަޑައިގެންފައިވާކަން ވަނީ ހާމަކުރައްވާފައެވެ. މިކަން ހާމަކުރައްވާފައިވަނީ ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އަދި އީރާނުގެ ބާރުގެ ދަށުގައި އޮތް ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ދެ ގައުމުގެ އިސްވެރިން ވެސް ބޭނުންފުޅުވާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. މީގެ ކުރިން އީރާނަށް ހަތިޔާރު ފޯރުކޮށްދިން ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ޗައިނާއަށް ވަޑައިގެންފައިވީނަމަވެސް، ޗައިނާއިން އީރާނަށް ހަތިޔާރު ނުދިނުމަށް އެމެރިކާއިން ވަނީ އެދިފައެވެ. އަދި ހަތިޔާރު ފޯރުކޮށްދީފިނަމަ އޭގެ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. މީގެ އިތުރުން، އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރުން މެދުކަނޑާލާފައިވީނަމަވެސް، ދާއިމީ ސުލްހައެއް ގާއިމުނުކުރެވިއްޖެނަމަ އަލުން ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މިގޮތުން، ގަތަރާއި ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އެދުމުގެ މަތިން އީރާނަށް ދޭން އުޅުނު ހަމަލާއެއް މަޑުޖައްސާލާފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅާފައެވެ. އެހެންކަމުން، މިހާރު ވަނީ ސުލްހައިގެ މަޝްވަރާތަކަށް އިތުރު ވަގުތު ދީފައެވެ.

  • އީރާނަށް ހަތިޔާރު ނުވިއްކުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ޔަގީންކަން ދެއްވުން.
  • ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއާއި ޗައިނާއިން ބޭނުންވުން.
  • ގަލްފުގެ ގައުމުތަކުގެ އެދުމުގެ މަތިން އެމެރިކާއިން އީރާނަށް ދޭން އުޅުނު ހަމަލާއެއް މަޑުޖައްސާލުން.
  • ސުލްހަ ގާއިމުކުރުމަށް އީރާނުން 14 ނުކުތާގެ ޕްލޭނެއް ހުށަހެޅުން އަދި މަޝްވަރާތަކަށް އިތުރު ވަގުތު ދިނުން.
comment ކޮމެންޓް