ބައިނަލްއަގުވާމީ ރަހުމަތްތެރިންނާ ގުޅިގެން މަސައްކަތްކުރަން ސަރުކާރުން ތައްޔާރު

ފޮރިން ސެކްރެޓަރީ ސަރީރު އިންޑިއާ ސަފީރު މިޝްރާ އާ ބައްދަލު ކުރެއްވުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ބައިނަލްއަގުވާމީ ރަހުމަތްތެރިންނާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމަށް ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.

ފޮރިން ސެކްރެޓަރީ ސަރީރު މިއަދު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލިކޭޝް މިޝްރާއާ ބައްދަލު ކުރައްވައިފައެވެ. އިންޑިއާއިން ވަނީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަން ނިމުމަކަށް ގެނައުމަށް ގޮވާލައިފައެވެ.

މިޝްރާ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ ސަރީރު ވަނީ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް ބައިނަލް އަގުވާމީ ރަހުމަތްތެރިންނާއެކު މަސައްކަތް ކުރަން ސަރުކާރުން ތައްޔާރަށް އޮތްކަމަށް ސަރީރު ވަނީ މިޝްރާ އަރިހު ދަންނަވައިފައެވެ. އިންޑިއާ އާއެކު މަސައްކަތް ކުރަން ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް މިޝްރާ އަރިހު ސަރީރު ވަނީ ދަންނަވައިފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން އިއްޔެވެސް ވަނީ ރާއްޖޭގެ މަޝްރަހާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާކަމަށާއި ވީ އެންމެ އަވަހަކަށް ރާއްޖެ، ދިމިގްރާތީ ވެރިކަމަކަށް އައުން މުހިންމު ކަމަށެވެ. މީގެ ސަބަބުން ގައުމުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ރައްޖެއާ މެދު އުފެދުފައިވާ ނުތަނަވަސްކަން ފިލާދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް