ޗެލްސީން ކުޅުނީ ގާތް ގަނޑަކަށް ފުރިހަމަ މެޗެއް: ކޮންޓޭ

ވިލިއަންގެ ގޯލަށްފަހު ޗެލްސީގެ ކޯޗު ކޮންޓޭ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީއާއި ބާސެލޯނާ ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ބާސާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނުނީ ޗެލްސީއެވެ.

ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަންގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު ޗެލްސީއަށް ގޯލް ޖަހައިދިނީވެސް އޭނައެވެ. މެޗުގައި ބާސާގެ ފަރާތުން އެޓޭކްތައް މަދު ނަމަވެސް ޗެލްސީގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި ލިއޮނަލް މެސީވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޗެލްސީން ރޭ ކުޅުނީ ގާތް ގަނޑަކަށް ފުރިހަމަ މެޗެއް ކަމަށެވެ. ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ އެންމެ ގޯހެއް ކަމަށާއި، ބާސާއިން ގޯލް ޖެހީ އެ ގޯހުގެ ފައިދާ ނަގައިގެން ކަމަށެވެ.

ކޮންޓޭ ބުނީ ހަނދާން ކުރަން ޖެހޭ ކަމަކާ ޗެލްސީން ރޭ ކުޅުނީ ލުއިޒް ޝުއަރޭޒާއި މެސީގެ އިތުރުން އަންދްރޭސް އިނިއެސްޓާ ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކަމަށާއި، އެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ގޯހެއް ނަހަދައި ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މެޗުގައި ހެދުނު ގޯހުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި، ދެން އޮތީ ދެވަނަ ލެގުގައި ތަފާތު ދެއްކުން ކަމަށްވެސް ކޮންޓޭ ބުންޏެވެ. ކޮންޓޭ ބުނީ ބާސާގެ ދަނޑުގައި ބާސާއާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ނަމަވެސް ޗެލްސީން ނުކުންނާނީ މޮޅުވާން ކަމަށެވެ.

ޗެލްސީއަކީ ބާސާއާ ވާދަކުރޭ ޓީމެއްކަން ރޭގެ މެޗުން ފެނިއްޖެ ކަމަށްވެސް ކޮންޓޭ ބުންޏެވެ. އަދި ބާސާގައި ކުޅޭއިރު އިތުރަށް ވިސްނަން ޖެހޭ ކަމަށާއި، އެހެން ނޫނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުން ގާތް ކަމަށްވެސް ކޮންޓޭ ބުންޏެވެ.

comment ކޮމެންޓް