މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ފ. ނިލަންދޫގެ ޓީމުގެ ކޯޗަކަށް ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު ލިރުގާމް ސައީދު (ލަރޭ) ހަމަޖައްސައިފި އެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބާ އެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ލަރޭވަނީ އެ ކްލަބާ އެކު ޕްރެސިޑެންޓްސް ކަޕު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅުނު ލަރޭ ވަނީ ދެފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ވެސް ގައުމީ ޓީމާ އެކު ހޯދައިފަ އެވެ. އަދި އެ މުބާރާތުގައި ފުރަތަމަ ގޯލް ޖެހި ދިވެހި ކުޅުންތެރިއަކީ ވެސް ލަރޭ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު ވިކްޓްރީ ފަދަ ބޮޑެތި ކްލަބުތަކުގެ ކޯޗިން ޓީމުގައި މަސައްކުރި ލަރޭ އަންނަނީ އޭނާގެ ރަށް ކަމަށްވާ ލ. ކުނަހަންދޫގައި ފުޓުބޯޅަ އަދި ކްރިކެޓް އެކަޑެމީއެއް ވެސް ހިންގަމުންނެވެ. ފުޓުބޯޅަ އަދި ކްރިކެޓް ކޯޗު، ލަރޭއަކީ މިވަގުތު ލ. ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސެވެ. އޭނާއަކީ އޭއެފްސީ ބީ ލައިސަންސް ވެސް އޮންނަ ފުޓުބޯޅަ ކޯޗެކެވެ.
ނިލަންދޫގެ ޓީމާ ގުޅިގެން 'ސަން ސްޕޯޓްސް'އަށް މައުލޫމާތު ދެއްވަމުން ފ. ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕްގެ ތައްޔާރީތައް ވަރަށް ފޯރިގައި ކުރިއަށްދާ ކަމަށެވެ.
"ވަރަށް ފޯރިގައި ކުރިއަށް އެބަދޭ ތައްޔާރީތައް. ކޯޗު ލަރޭ މިހާރު ރަށަށް އައިސްފައި ވަނީ. ލަރޭއަށް ރަށުން ދިނީ ވަރަށް ހޫނު މަރުހަބާއެއް. ފަރިތަކުރުންތައް ދެން ދާނީ ކޯޗާ އެކު. ލަރޭއާ އެކު ހާއްސަ ޓްރެއިނަރެއް ވެސް ޓީމަށް ގެނެސްފިން،" އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު އިތުރަށް ވިދާޅުވީ މިފަހަރުގެ ފުރަތަމަ ޓާގެޓަކީ އަތޮޅު މުބާރާތް ކަމަށާއި އެއަށް ފަހު މަސައްކަތް ކުރާނީ ޒޯން މުބާރާތަށް ކަމަށެވެ. މީގެ ކުރިން ދެ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރި ނިލަންދޫއަށް ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅާ ދެވޭ ގޮތްވަނީ ނުވެފަ އެވެ.
"މިފަހަރު ފުރަތަމަ ޓާގެޓް ކުރާނީ އަތޮޅު ޗެމްޕިއަން ކަމަށް. އެއަށް ފަހު ޒޯން ވެސް ކުޅެ ދެން ދެވެން އޮތް ހިސާބަކަށް ދާން. އަތޮޅު ބުރަށް ނުކުންނާނީ ރަށުގެ ކުޅުންތެރިންގެ ތެރެއިން ނެގޭ ޓީމަކާއެކު. އުމުރުން ވަރަށް ހަގު ޒުވާން ކުޅުންތެރިން ހިމެނޭނީ. އެވަރެޖް އުމުރަކީ ގާތް ގަނޑަކަށް 23، 24 އަހަރު ވަރު،" އަލީ މުހައްމަދު ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ ރަށުގެ ހުރިހާ ޖަމިއްޔާ ޖަމާއަތްތައް މަސައްކަތްކުރަނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށާއި ސަޕޯޓަރުން ތިބީ ވަރަށް ޖޯޝާ ފޯރީގައި ކަމަށެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފ. އަތޮޅުން ބައިވެރިވީ ފ. ނިލަންދޫ އަދި މަގޫދޫ އެވެ. އަތޮޅު ބުރުގައި ދެ ޓީމު ވާދަކުރާ ނަމަ ކުޅެން ޖެހޭނީ އަވޭ އަދި ހޯމް މެޗެކެވެ. ޒޯން ބުރަށް ދާނީ ދެ ލެގުގެ ނަތީޖާއިން ކުރި ހޯދާ ޓީމެކެވެ.