ދެވަނަ ޑިވިޝަންގެ ވިގަން އަތުން ބަލިވެ ސިޓީ ކަޓައިފި

ރޭގެ މެޗުގައި ޑެލްފަށް ރެފްރީ ރަތް ކާޑު ދައްކަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ދެވަނަ ޑިވިޝަން ކްލަބު، ވިގަން އެތުލެޓިކް އަތުން ބަލިވެ މެންޗެސްޓާ ސިޓީ ކަޓައިފިއެވެ.

ރޭ ވިގަންގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީ ބަލިކޮށް ވިގަންވަނީ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭ ކުޅުނު މެޗަށް ސިޓީން ވަރުގަދަ 11 އެއް ނެރުނު ނަމަވެސް، އެޓީމުގެ ތަރި ކެވިން ޑިބުރޭނާ ފުރަތަމަ 11 އިން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ޑިބުރޭނާވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗު ފެށިގެން ފުރަތަމަ 10 މިނެޓް ތެރޭގައިވެސް ސިޓީގެ ފަރާތުންވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގައި ވިގަންއިންވެސް ވަނީ ސިޓީއަށް ނުރައްކާ ކޮށްފައެވެ.

މެޗަށްފަހު ވިގަންގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފްގައި ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯގެ އިތުރުން ފެނާންޑީނިއޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އަގުއޭރޯ ފޮނުވާލި ބާރު ދެ ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިގަންގެ ކީޕަރު ކްރިސްޓިއަން ވޮލްޓަންއެވެ.

ހާފް ނިމެން ދަނިކޮށް ސިޓީއަށް މާޔޫސްކަން ގެނުވީ ފަބިއަން ޑެލްފަށް ދެއްކި ރަތް ކާޑާއެކުއެވެ. ނުރައްކާތެރި ޓެކުލެއް ޖެހުމުގެ ސަބަބުން ޑެލްފަށް ރެފްރީ ދައްކައިފައިވަނީ ސީދާ ރަތް ކާޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ސިޓީން، ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް ވިގަންގެ ގޯލް ފޫއަޅުވާލެވޭ ގޮތްވަނީ ނުވެފައެވެ. ވިގަންއިން ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ލިބުނު ކައުންޓާ އެޓޭކް ފުރުސަތެއްގައި އެޓީމަށް ލީޑު ނަގައިދިނީ ނޯތު އަޔާލެންޑްގެ ފޯވަޑް ވިލް ގްރިގްސްއެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލް ޖެހި ވިލް ގްރިގްސް --- ފޮޓޯ/ އޭޕީ

މީގެކުރިންވެސް ވިގަން ފާހަގަކޮށްލެވެނީ އެފްއޭ ކަޕުގައި ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. 2013 ވަނަ އަހަރު ވިގަން އިނގިރޭސި ލީގުން ރެލިގޭޓް ވި ނަމަވެސް އެ ޓީމުންވަނީ އެ އަހަރުގެ އެފްއޭ ކަޕް ނަގައިފައެވެ.

ވިގަންއިން 2013 ވަނަ އަހަރުގެ އެފްއޭ ކަޕް ނެގީ ފައިނަލްގައި ސިޓީ ބަލިކޮށްގެންނެވެ.

comment ކޮމެންޓް