ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުންނާއި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން މަގުމަތިން ސަރުކާރު ވައްޓާލަން ގޮވާލުމަކީ ރައްޔިތުން އެކަމާ މެދު ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝީފާގު މުފީދު ވިދާޅުވެއްޖެއެވެ.
ސަން ޓީވީން ރޭ މުޅިން އަލަށް ފެށި "ގާނޫނުގެ ވެރިކަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ގޮވާލުމަކީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަަމަށާއި އަދި އެފަދަ ކަންކަމަށް ގޮވާލާ މީހުންނަނީ ގައުމުގެ އެންމެ މަތީ ޝަރަފާއި ފަޚުރު ލިބިފައިވާ ބޭފުޅުންނަށް ވުމަކީ ރައްޔިތުން އެކަމާ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.
"ގައުމުގެ އެންމެ މަތީ ޝަރަފް ލިބިފައިވާ ބޭފުޅުން ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ގޮވާލުމަކީ ދިވެހިން އެކަމާ ލަދުން އިސްޖަހަން ޖެހޭ ކަންކަން. އެއީ ދިވެހި ދައުލަތް ބޭޒާރުކޮށްލާވަރުގެ ކަންކަން،" ޝިފާގު ވިދާޅުވިއެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވީ ބަޣާވާތަކުން ނުވަތަ މަގުމަތިން އެއްވެސް ހައްގަކާ ނުލައި ވެރިކަން ވައްޓާލުމަކީ ބޮޑު ޚިޔާނާތެއް ކަަމަށާއި އެ ޚިޔާނާތަކީ ގާނޫނު އަސާސީގައި ލިޔެގެން ބޮޑެތި އަދަބު ދެވެން ޖެހޭ ކަންކަން ކަމަށެވެ.
"އެގޮތައް ބަޣާވާތް ކޮށްފިނަމަ ނުވަތަ މަގުމަތިން ވެރިކަން ވައްޓާލުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށާއި މީގެ ކުރިން އަމަލު ކުރަމުން އައި ގާނޫނު އަސާސީގައި އޮތް ގޮތަށް މަގުމަތިން ވެރިކަން ވައްޓާލުމަކީ އެންމެ ބޮޑު ޚިޔާނާތުން ކުށްވެރިވާ ކަމެއްގެ ގޮތުގައި މިހާރުގެ ގާނޫނު އަސާސީގައި ހިމެނުން މުހިންމު ކަމުގައި ދެކެން،" އެޗްއާރްސީއެމްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝިފާގު ވިދާޅުވިއެވެ.
އޭނާ ވަނީ ގާނޫނީ ވެރިކަން ދެމެއްޓުމާއި ގާނޫނީ ވެރިކަމަކީ ކޮބައިކަން ވަރަށް ސާފުކޮށްވިދާޅުވެދެއްވާފައެވެ. އަދި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަކީ ސީދާ ގާނޫނީ ވެރިކަމަށް ބުރޫއަރާ ފަދަ އަމުރެއް ކަމަށް ވެސް ޝިފާގު ވިދާޅުވިއެވެ.
ސަން ޓީވީން އަލަށް ފެށި އެ ޕްރޮގްރާމް ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭ 10:00 އިން ފެށިގެން ވަގުތުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.