ކުއްލި ހާލަތުގެ ގަރާރު ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ހާއްސަ ޖަލްސާއަށް މަޖިލީހުގެ އިދާރާ ހިމެނޭ ހުރިހާ މަގެއް ބަންދުކޮށް، ސެކިރިޓީ ވަނީ ވަރުގަދަ ކޮށްފައި، --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުއްލި ހާލަތުގެ ގަރާރުގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ގަރާރު ފާސްކުރި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ކޮމިޓީން މިއަދު ފާސްކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ތާއީދުކޮށެވެ.

މަޖިލީހަށް ގަރާރު ބަލައިގެންފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 38 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.

މަޖިލީހުގެ ތަޅުމުން ގަރާރު ފާސްކުރުމަށް ޓަކައި 43 މެމްބަރުން ހާޒިރުވެ ތިބެން ޖެހެ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު "ސަން"އަށް ވިދާޅުވީ ގަރާރު މަޖިލީހުން ފާސްކުރާ އިރު އެ އަދަދަށް މެމްބަރުން ހަމަވާނެ ކަމަށެވެ.

މިއަދު ކުއްލި ނުރައްކަލުގެ ހާލަތުގެ ކޮމިޓީން ފާސްކޮށްފައި ވަނީީ ބައެއް މާާއްދާތައް އިސްލާހު ކުރުމަށް ފަހު ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގަރާރުގައި ހިމެނޭ ގާނޫނު އަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އަދި 123 ވަނަ މާއްދާގެ އިތުރުން 228 ވަނަ މާއްދާ އަށް އިސްލާހު ހުށަހެޅުއްވި އެވެ. އެމާއްދާތައް އުނިކުރީ ކަމެއް ނުވަތަ ގެނައީ ކޮން އިސްލާހެއް ކަމެއް މޫސަ ވިދާޅެއް ނުވި އެވެ. ވިދާޅުވީ އިސްލާހުތަކެއް ގެނައި ވާހަކަ އެވެ. އަދި ސިއްރު ކޮމިޓީއަކަށް ވުމުން އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް