އުންމީދުކުރަނީ މިފަހަރު ވެސް މެސީއަށް ޗެލްސީ ކޮޅަށް ގޯލެއް ނުޖެހޭނެ ކަމަށް: ކޮންޓޭ

އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ތެރެއިން ޗެލްސީ ފާހަގަކުރެވެނީ މެސީއަށް އެންމެ ބަދުނަސީބު އެއް ޓީމުގެ ގޮތުގައި --- ފޮޓޯ/ ގެޓީ

މީގެ ކުރިން އަށް ފަހަރެއްގެ މަތިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ޗެލްސީއާ ކުރިމަތިލައިފައިވެ އެވެ. އޭގެން އެއްވެސް ފަހަރެއްގައި މެސީއަށް ޗެލްސީ ކޮޅަށް ގޯލައެއް ޖެހިފައެއް ނުވެ އެވެ.

މާދަމާ ރޭ އަނެއްކާވެސް ޗެލްސީއާއި ބާސާ ކުރިމަތިލާއިރު، އެންމެ ގިނަބައެއްގެ ލޯތައް އަމާޒުވާނީ މެސީއަށެވެ. ޗެލްސީ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ މެސީއަށް އޭނާގެ ޓީމު ކޮޅަށް ގޯލް ނުޖެހުމުގެ ސިލްސިލާ ދެމިގެންދާނެ ކަމުގެ އުންމީދުގަ އެވެ.

"އަހަރެން އުންމީދު ކުރަނީ މެސީއަށް ޗެލްސީ ކޮޅަށް ގޯލް ނުޖެހޭނެ ކަމަށް. އެކަމަކު ހަނދާން ކުރަން ޖެހޭނެ މި ކިޔެނީ ކޮން ފެންވަރެއްގެ ކުޅުންތެރިއަކާ ކަން. މި ކިޔަނީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއްގެ ވާހަކަ،" މާދަމާ ރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ބާސާ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ޗެލެންޖެއް ނަމަވެސް އެ ޗެލެންޖު ނަގާނީ ޕޮސިޓިވްކޮށް ކަމަށެވެ. މިއާއެކު ކޮންޓޭ ފާހަގަކުރީ މެސީ ހުއްޓުވަން ޖެހޭނީ ވަކި ކުޅުންތެރިއެއް ބޭނުންކޮށްގެން ނޫން ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

"މެސީއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާ ހިފަހައްޓަން ބޭނުން ވާނީ އެންމެ ކުޅުންތެރިއެއް ނޫން. ބޭނުން ވާނީ ޓީމު ޓީމެއްގެ ގޮތުގައި ކުޅުވަން،" ކޮންޓޭ ބުންޏެވެ.

ބާސާއިން މެސީއާ އެކު އަށް ފަހަރު ޗެލްސީއާ ކުރިމަތިލައި، މިހާތަނަށް ކާމިޔާބުވެފައި ވަނީ 2006 ވަނަ އަހަރު އެކަންޏެވެ. މާދަމާ ރޭގެ މެޗަށް ނުކުންނަ އިރު، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީއަށް ޗެލްސީ ކޮޅަށް ގޯލް ޖެހުން ވެގެންދާނީ ބޮޑު ޓާގެޓަކަށެވެ.

comment ކޮމެންޓް