ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހާއި ކޯޓުތަކުގެ ބާރު ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު--

ކުއްލި ނުރައްކަލުގެ ހާލަތުގައި އަދުލު އިންސާފުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށާއި އަދި އެ ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާއި ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ވެސް ރައީސް އަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

"ކުއްލި ހާލަތުގެ ގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބައެއް ބާރުތަކާއި އަދުލު އިންސާފުގެ ދާއިރާއަށް ލިބިގެންވާ ބާރުތައް ހިފެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރަން. އެހެންވީމާ ގަރާރުގެ ބައިތަކަށް ކޮމިޓީން އިސްލާހު ގެނައުމަށް އަޅުގަނޑު އެދެން." ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރުގެ ބައެއް މާއްދާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް ހުރި ކަމަށެވެ. އެގޮތުން ހިފަހައްޓާފައިވާ ގާނޫނު އަސާސީގެ 99، 101، 113، އަދި 228 ވަނަ މާއްދާ ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ގަރާރުގެ ވަކި މާއްދާތަކެއް ބަލައިގަނެ ވަކި މާއްދާތަކެއް ބަލައިނުގަތުމުގެ ބާރު މަޖިލީހަށް ލިބިގެންވޭ. އަޅުގަނޑު އުންމީދު ކުރަން އެ ބަދަލުތައް ކޮމިޓީން ގެންނަވާނެ ކަމަށް ތަޅުމަށް ހުށަހެޅުމުގެ ކުރިން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހަށް ހާޒިރުވެ ތިއްބެވި 38 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް