އީރާނުގެ ބަނދަރެއް 18 މަހަށް، އިންޑިއާއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިރާނުގެ ރައީސް ހަސަން ރޫހާނީ -- ފޮޓޯ/ އީޕީއެސް

އީރާނުގެ އިރު ދެކުނު އައްސޭރީގައި އޮންނަ ޗާބަހާރު ބަނދަރގެު ބައެއް، އިންޑިއާއަށް 18 މަސްދުވަހަށް ދިނުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލައި، ސޮއިކޮށްފިއެވެ.

ޗާބަހާރު ބަނދަރު އިންޑިއާއަށް ހިންގަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، މިހާރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީއެވެ. ދެ ގައުމުގެ ދެމެދުގައި ޖުމްލަ ނުވަ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

އިންޑިއާއިން މަސައްކަތް ކުރާނީ ޗާބަހާރު ބަނދަރަކީ އެގައުމުން އޭޝިއާގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ މައި މަރުކަޒަށް އެތަން ހެދުމަށެވެ. އިންޑިއާއިން އެތަން ތަރައްގީކުރަނީ 85 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

ދާދިފަހުން ޗައިނާއިން ވަނީ ޕާކިސްތާނުގެ ބަނދަރެއް ތަރައްގީކުރަން އެއްބަސްވެފައެވެ. ޗައިނާއިން ތަރައްގީކުރާ ބަނދަރަކީ އީރާނުގެ ޗާބަހާރު ބަނދަރާ 90 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

އިންޑިއާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ދެގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަވެ، އިގްތިސާދީ ގޮތުންވެސް ގުޅުން ބަދަހިވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް