މުޒާހަރާގައި މާފުށީ ޖަލު ތެރެއަށް ވަންކަމަށް ތުހުމަތު ކުރުމުން މަހުލޫފު ހުރީ ހަނު!

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމުގައި މަހުލޫފް ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ އިސްމާއިލް އާދަމް

ކ. މާފުށި ޖަލަށް ހުއްދަ ނެތި ވަންކަމުގެ ތުހުމަތުކޮށް، ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ފުލުހުން ސުވާލު ކުރުމުން، އެކަމާ އޭނާ ހަނު ހުންނަވައިފިއެވެ.

މާފުށީ ޖަލު ކައިރީގައި މުޒާހަރާކޮށްގެން ފުލުހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވުމުން، ގާނޫނީ ވަކީލް މަހުފޫޒް ސައީދާއެކު މަހުލޫފް ވަނީ ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރު ވެފައެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނުކުމެ ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަހުލޫފްގެ ގާނޫނީ ވަކީލް މަހުފޫޒް ވިދާޅުވީ، މާފުށީ ޖަލު ކައިރީގައި ކުރި މުޒާހަރާއާ ގުޅިގެން މަހުލޫފުގެ މައްޗަށް ފުލުހުން ހަތަރު ތުހުމަތެއް ކުރާ ކަމަށެވެ.

އެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ ހުއްދަނެތި ތަނަކަށް ވަނުމުގެ ތުހުމަތާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު އަދި ކުށެއް ކުރަން އުޅުމުގެ ތުހުމަތެވެ.

އެ ހުރިހާ ތުހުމަތުތަކަކާ ގުޅިގެން މަހުލޫފާ ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ ހަނު ހުރުމުގެ ބެނުން ކުރައްވައިފައެވެ.

މަހުފޫޒު ވިދާޅުވީ، އެ ތުހުމަތުތަކާ ގުޅިގެން އިތުރު ސުވާލެއް އޮތްނަމަ އިތުރު ޗިޓެއް ފޮނުވާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

މާފުށީ ޖަލުގައި ހައްޔަރު ތިބި ބައެއް ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރާ ގުޅިގެން މަހުލޫފް އިސްވެ ހުންނަވައި މާފުށީ ޖަލު ކައިރީގައި އިދިކޮޅު މީހުން މުޒާހަރާ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

މީޑިއާތަކާ ވާހަކަދައްކަަވަމުން މަހުލޫފު ވަނީ، އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކަކީ އިސްލާހަށް ޓަކައި އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތް ހުއްޓުވައި ފަހަތަށް ޖައްސަން ސަރުކާރުން ކުރާ މަސައްކަތްތަކެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަދި އަލުން ޖަލަށްދާން ޖެހުނު ނަމަވެސް އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމަށް ބުނެ ދައުލަތުގެ ފަރާތުން ކުރި ދެ ދައުވާއެއް ޝަރީއަތަށް ސާބިތުވެ މަހުލޫފު ވަނީ މީގެ ކުރިން 10 މަސް ވަންދެން ޖަލު ހުކުމެއް ތަންފީޒު ކޮށްފައެވެ. އެ ޖަލު ހުކުމް ފުރިހަމަކޮށް މަހުލޫފު ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

comment ކޮމެންޓް