ނާދިރާ ފުލުހަށް ހާޒިރުވާން އަންގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެންދިއުން އެކަމާ ނުރުހުން ފާޅުކޮށް އެއްވި މީހުންގެ ތެރޭގައި ނާދިރާ (މ)ގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖެންޑާ މިނިސްޓްރީގެ ކުރީގެ ނައިބު އައިމިނަތު ނާދިރާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި ނާދިރާ ސަން އަށް ވިދާޅުވީ، ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް މިރޭ 9:30 އަށް ފުލުހަށް ހާޒިވުމަށް ފޯނުން ގުޅުއްވައި ފުލުހުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނާ ކަމަށާއި އަންގާފައި އޮތް ގަޑިއަށް ފުލުހަށް ހާޒިރުވާނެ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިދިޔަ ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ނާދިރާ ހައްޔަރުކުރި އެވެ. ނަމަވެސް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލައިފައެވެ.

އެފަހަރު ނާދިރާ ހައްޔަރުކުރީ މާރާމާރީ ހިންގުމުގެ ތުހުމަތަށެވެ. އެ ތުހުމަތަށް ނާދިރާ އިންކާރު ކުރެއެވެ.

comment ކޮމެންޓް