ޔުނައިޓެޑް ކުއާޓާއަށް، ވިދާލީ ލުކާކޫ

ރޮމެލޫ ލުކާކޫ އޭނާގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕުގައި ހަޑަލްސްފީލްޑް ޓައުން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ޔުނައިޓެޑުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ ލީޑު ނަގައިފައެވެ. ހުއާން މަޓާ ތަނަވަސް ކޮށްދިން ފުރުސަތުގެ ބޭނުން ހިފާ ލުކާކޫ ލީޑު ނަގައިދިން ނަމަވެސް ހަޑަލްސްފީލްޑުންވަނީ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ކުޅުނު ހަޑަލްސްފީލްޑުގެ ޓޮމް އިންސަށް ލިބުނު ދެ ފުރުސަތެއް ފާހަގަ ކުރެވުނެވެ.

އެލެކްސިސް ސަންޗޭޒް: ސަންޗޭޒް ޔުނައިޓެޑާ ގުޅިފައިވަނީ ނިމިދޔަ ފިނި މޫސުމުގެ ޓްރާންސްފާގައި --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފް ފެށިގެން ދިހަ މިނެޓް ތެރޭގައި ލުކާކޫގެ ދެވަނަ ގޯލާއެކު ޔުނައިޓެޑުންވަނީ ލީޑު ފުޅާކޮށްފައެވެ. އެ ގޯލައަކީ އެލެކްސިސް ސަންޗޭޒް ތަނަވަސްކުރި ފުރުސަތަކުން ލުކާކޫ ކާމިޔާބުކުރި ގޯލައެކެވެ. އަދި އެއީ މި ސީޒަންގައި ލުކާކޫ ކާމިޔާބުކުރި 21 ވަނަ ގޯލައެވެ.

ރޭގެ މެޗުގެ ދެވަނަ ގޯލާއެކު ލުކާކޫ އުފާފާޅުކުރަނީ: ކުއާޓާގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅެން ޖެހޭނީ ބްރައިޓަން އާ ދެކޮަޅަށް --- ފޮޓޯ/ ގެޓީ

ރޭގެ މެޗުގައިވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އަށް ލޯތަށް ހުއްޓުވާލިއެވެ. އެގޮތުން މަޓާ ޖެހި ގޯލައެއް ވީއޭއާރްގެ އެހީގައި އޮފްސައިޑް ކަމަށް ރެފްރީ ނިންމުމުން އެކަމާ ގިނަ ބަޔަކުވަނީ ސުވާލު އުފައްދައިފައެވެ.

އެފްއޭ ކަޕުގެ ކުއާޓާގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅެން ޖެހޭނީ ބްރައިޓަން އެންޑް ހޯލް އަލްބިއޯން އެފްސީއާ ދެކޮޅަށެވެ.

comment ކޮމެންޓް