ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދޫކޮށްލައިފި އެވެ.
އަލީ ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޗާންދަނީމަގު-މަޖީދީމަގު ޖަންކްޝަން ކައިރިންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ ރޭ ކުރި މުޒާހަރާ ނިމުނުތަނާހެންނެވެ.
އަލީ ހުސައިން ދޫކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ގަޑިއިރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ފަށާފައި ވަނީ އެމްޑީޕީ ހަރުގެ ކައިރިންނެވެ. މުޒާހަރާ ކުރިއަށްދިޔަ އިރު މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ މަސައްކަތް ކޮށްފަ އެވެ. މެންދަމު ބާރަ ޖެހުމުން ޕެޕާ ސްޕްރޭ ޖެހުމަށް ފަހު މުޒާހަރާ ވަނީ ރޫޅާލައިފަ އެވެ.
ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެބޭފުޅުން ދޫކޮށްލައިފަ އެވެ.