ސުޕްރީމް ކޯޓު ދެ ފަނޑިޔާރުންގެ ތަހުގީގަށް ބޭރުގެ އެހީއަށް އެދިއްޖެ

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު ބޭފުޅުން ---

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ހިފިކަމުގެ މައްސަލައިގެ ތަހުގީގަށް ބޭރު ގައުމުތަކުގެ އެހީ ބޭނުންވާކަމަށް ސަރުކާރުން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.

އީޔޫއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރު އަހްމަދު ޝިއާން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެ ދެ ފަނޑިޔާރުންގެ ތަހުގީގު ރާއްޖެއާ ހިސާބުން ނުނިމޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ އެހީވެސް ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އެކި ގައުމުތަކަށް 12 ދަތުރެއް ކޮށްފައި. އޭގެތެރޭގައި އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ޔޫކޭ، އަދި ނެދަލޭންޑްސް ހިމެނޭ. އަދި ވަރަށް އަގުބޮޑެތި ތަކެތިވެސް ގަނެފައިވާކަން ވަނީ އެނގިފައި" ޝިއާން ރޮއިޓާސްއަށް ވިދާޅުވިއެވެ.

އެކަންކަން ބެލުމަށް އެގައުމުތަކުގެ އެހީ ބޭނުންވާކަމަށް ޝިއާން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓުގެ ދެން ތިބި ފަނޑިޔާރުންނަށް މަޖުބޫރުކޮށް، ހުކުމްތަކެއް ކުރަން އުޅުނު ކަމަށް ޝިއާން ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރުމާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ޕޮލިސް ކޮމިޝަނަރު މަގާމުން ވަކިކުރަންވެސް ނިންމިކަމަށް ޝިއާން ވިދާޅުވިއެވެ.

އަދި ގައުމު ހުއްޓުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަަމަށް ޝިއާން ތުހުމަތު ކުރެއްވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އިތުރު ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، ރައީސް މައުމޫނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުވެސް ހިމެނެއެވެ.

comment ކޮމެންޓް