ރަޝިއާއަށް ގެންދާ ބްރެޒިލް ސްކޮޑުގައި މި ކުޅުންތެރިން ޔަގީންކަމާއެކު ހިމެނޭނެ!

ބްރެޒިލްގެ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ ގެބްރިއަލް ޖީސަސްއާއި ނޭމާ އަދި ކުޓީނިއޯ --- ފޮޓޯ/ ގޯލް

ރަޝިއާގައި މިއަހަރު ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ވަގުތު ކުޑަތަންވަމުން ދާއިރު، ގިނަ ބަޔަކު އިންތިޒާރުކުރަމުންދަނީ ގައުމީ ޓީމުތަކުގެ ސްކޮޑުތަކަށެވެ.

ކޮންމެ ގައުމަކުންވެސް ވޯލްޑް ކަޕް ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަން ޖެހޭއިރު، ފީފާގެ އުސޫލުތައް ބުނާގޮތުން ފުރަތަމަ އިއުލާންކުރާ ސްކޮޑުގައި 25 ކުޅުންތެރިއަކު ހިމެނިދާނެއެވެ. އެހެން ނަމަވެސް ވޯލްޑް ކަޕަށް ދިއުމަށް އޭގެތެރެއިން ދެ ކުޅުންތެރިއަކު ސްކޮޑުން އުނިކުރަން ޖެހޭނެއެވެ.

ގައުމުތަކުން ސްކޮޑު އިއުލާންކުރަން ތައްޔާރުވަމުންދާއިރު، ބްރެޒިލްގެ ކޯޗު ޓިޓޭ ވަނީ އޭނާގެ ސްކޮޑުގައި ޔަގީން ކަމާއެކު ހިމެނޭނެ 15 ކުޅުންތެރިއެއްގެ ނަން އިއުލާންކޮށްފައެވެ. އަނިޔާގެ ސަބަބުން ނޫނީ އެނޫންވެސް ހާއްސަ ސަބަބެއް މެދުވެރިވެގެން މެނުވީ ޓިޓޭގެ ސްކޮޑުން އެ 15 ކުޅުންތެރިންނަށް ޖާގަ ނުގެއްލޭނެއެވެ.

ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ކޯޓީނިއޯވެސް ބްރެޒިލުން އިއުލާންކުރި ފުރަތަމަ 15 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނިފައި --- ފޮޓޯ/ އޭޕީ

ބްރެޒިލްގެ ސްކޮޑުގައި ޔަގީނުންވެސް ހިމެނޭނެ 15 ކުޅުންތެރިއަކު ޓިޓޭ އިއުލާންކޮށްފައިވާއިރު، އޭނާވަނީ ބްރެޒިލްއިން ވޯލްޑް ކަޕުގައި ބޭނުންކުރާނެ ފުރަތަމަ 11 ވެސް ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ ޔޫއެލްއޯ އެސްޕޯޓޭސްއަށް ޓިޓޭ ބުނެފައިވަނީ ވޯލްޑް ކަޕުގައި އޭނާ ބޭނުންކުރާނެ ފުރަތަމަ 11 އަކީ: ކީޕަރު އެލިސަން ބެކާ، މާސެލޯ، ޖޯ މިރާންޑާ، މާކީނިއޯސް، ޑެނިއަލް އަލްވޭސް، ޕައުލީނިއޯ، ރެނާޓޯ އޮގަސްޓޯ، ކަސަމޭރޯގެ އިތުރުން ނޭމާ، ފިލިޕް ކުޓީނިއޯ އަދި ގެބްރިލް ޖީސަސް ކަމަށެވެ.

ޓިޓޭ އިއުލާން ކޮށްފައި ބްރެޒިލް ގައުމީ ޓީމުގެ 13 ކުޅުންތެރިން:

އެލިސަން ބެކާ - ރޯމާ

ޑެނިއަލް އަލްވޭސް - ޕީއެސްޖީ

މާސެލޯ - ރެއާލް މެޑްރިޑް

ޖާއޯ މިރާންޑާ - އިންޓާ މިލާން

ތިއޭގޯ ސިލްވާ - ޕީއެސްޖީ

މާކީނިއޯސް - ޕީއެސްޖީ

ޕައުލީނިއޯ - ބާސެލޯނާ

ރެނާޓޯ އޮގަސްޓޯ - ބެއިޖިން ގުއޯން އެފްސީ

ފެނާންޑީނިއޯ - މެންޗެސްޓާ ސިޓީ

ވިލިއަމް - ޗެލްސީ

ކަސަމޭރޯ - ރެއާލް މެޑްރިޑް

ނޭމާ - ޕީއެސްޖީ

ފިލިޕް ކުޓީނިއޯ - ބާސެލޯނާ

ގެބްރިލް ޖީސަސް - މެންޗެސްޓާ ސިޓީ

ރޮބާޓޯ ފިރްމީނިއޯ - ލިވަޕޫލް

ރަޝިއާ ވޯލްޑް ކަޕުގައި ބްރެޒިލްގެ ކެޕްޓަންކަން ކުރާނެ ކަމަށް ބެލެވެނީ ނޭމާ -- ފޮޓޯ/ ގެޓީ

މިހާތަނަށް ފަސް ފަހަރު ވޯލްޑް ކަޕު އުފުލާލައިފައިވާ ބްރެޒިލަށް އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕު ވެފައިވަނީ ހިތްދަދި ވޯލްޑް ކަޕަކަށެވެ. އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕުން އެޓީމު ކެޓީ ސެމީފައިނަލްގައި ޖަރުމަން އަތުން ތަފާތު ބޮޑު 7-1 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލް ގޮވައިގެން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނަ ޓިޓޭއަކީ ބްރެޒިލް ޓީމަށް އެންމެ އެކަށޭނެ ކޯޗު ކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭނާގެ ރެކޯޑަށް ބަލައި ރަޝިއާ ވޯލްޑް ކަޕަށްވެސް ބްރެޒިލަކީ ފެވަރިޓުންގެ ގޮތުގައި ބެލެވޭނެ ޓީމެކެވެ.

comment ކޮމެންޓް