ގާސިމްގެ ރިސޯޓުތައް ވިއްކާލާފައި ދައުލަތުގެ ފައިސާ ހޯދަން ގޮވާލަން: އަދުރޭ

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގާސިމްގެ ރިސޯޓުތައް ވިއްކާލުމަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. ނަމަވެސް ގާސިމް ވިދާޅުވީ އެމަނިކުފާނު ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.

މިރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭގެ ބަހުގެ ހޫނު ހަމަލާތަކެއް ގާސިމަށް ވަނީ ރައްދު ކޮށްފަ އެވެ. އަދުރޭ ވިދާޅުވީ "މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމް" ކަމަށެވެ.

އަދުރޭ އެހެން ވިދާޅުވީ ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި މިގައުމު ދުއް އެންމެ ނުރައްކާތެރި ވެރިއަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑު ދުއް މިގައުމަށް އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ދިން. މިގައުމުގެ ރައްޔިތުންނަށް އެންމެ ބޮޑު ހިޔާނާތެއް ވި. މިގައުމަށް ކުރިމަތިވި އެންމެ ބޮޑު ބަލާ މުސީބާތަކީ ގާސިމް އިބްރާހިމޭ" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އަތުޖެހުނު ގޮތަކަށް ގާސިމްގެ މުދާ ވިއްކައިގެންވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ކިބައިން އެދޭ ކަމަށެވެ.

"އަޅުގަނޑު ގާސިމަށް ގޮވާލަން މިހާރުން މިހާރަށް މި ފައިސާ ދައްކަން. ސަރުކާރަށް ގޮވާލަން އަތުޖެހުނު ގޮތަކަށް މިފައިސާ އޭނާގެ މުދާ ވިއްކައިގެންވެސް މިފައިސާ އަޅުގަނޑުމެންނަށް ހޯދައިދޭން. މި ކުރަން ޖެހޭ ކަމެއް އިނގޭތޯ. ތިން ހަތަރު ރިސޯޓު އޭނާ އަތުގައި ބާއްވާކަށް ނުޖެހޭ ރައްޔިތުންނަށް މިފައިސާ ދައްކަން އޮއްވަކާއެއް. މި ފައިސާ އަތުލަންވީ ޕެރެޑައިސްވިޔަސް އެހެންތަނެއް ވިޔަސް ވިއްކަންވީ ވިއްކާލާފައި ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ހޯދައިދޭންވީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިންމަން އުޅުނީވެސް ގާސިމް ކަމަށެވެ.

"ވަހީދާއެކީ އުޅުނީ އޭނަ. އެވެރިކަން ބަދަލުކުރަން އުޅުނީ އޭނަ. އަޅުގަނޑުމެންގެ ވެރިކަން ނިންމަން މަސައްކަތް ކުރި. ކޮބާތޯ އަނިޔާވެރިވުމަކީ. ކޮބާތޯ ގެއްލުން ދިނުމަކީ. ކޮބާތޯ ރައްޔިތުންނަށް ހިޔާނާތްތެރިވުމަކީ،" އަދުރޭ ވިދާޅުވި އެވެ.

ގާސިމް މުއްސަނދިވީ އެއް އިރެއްގައި އޮތް ސަރުކާރަކުން ބޭނުންވާ ވަރަކަށް ލޯނު ނަގަން ތަންތަނުން ސިޓީތަކާ އެއްޗެހި ދީގެން ކަމަށް އަދުރޭ ވިދާޅުވި އެވެ. ގާސިމަކީ "ނާޖާއިރު ލާރީގައި މުއްސަނދިވެގެން އައި މީހެއް" ކަމަށް ވިދާޅުވެ އަދުރޭ ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް