ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތު ކުރަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމްގެ މައްޗަށް ފުލުހުން ޖިނާއީ ތުހުމަތު ކުރަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހަށް ހާޒިރުވާން ޝަމީނަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތަށް ސުވާލުކޮށް ބަޔާން ނެގުމަށް އެ އިދާރާ އަށް ހާޒިރުވާން އަންގާ ކަމަށެވެ.

މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައެއްގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކަމަށެވެ.

"ވަކީލަކު ނުލާ އައުމުން ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އަޅުގަނޑަށް މިރޭ ދެއްވި. އަދި ވަކީލަކާއެކު މާދަމާ ރޭ 8 ޖަހާއިރަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ބުނި،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއީ ޖިނާއީ އިޖުރާތްތަކާއި އެއްގޮތަށް ހިނގާ ތަހުގީގެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ ބޭފުޅުންގެ އަމަލުތަކުން މިރޭ ތަހުގީގު ހިންގެވީ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ޓީމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވަނީ އެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނީ، ގެއަކުން އެ ފޮށި ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް "އިލްހާމްވެފައި" ވަނިކޮށް ކަމަށެވެ.

comment ކޮމެންޓް