ރައީސް މައުމޫން ހުންނެވީ ހެޔޮ ހާލުގައި، ވަސީލަތްތަކާ މެދު ހިތްހަމަޖެހިލައްވާ: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު: ސަން ފޮޓޯ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ހެޔޮހާލުގައި ކަމަށާއި، ޖަލުގައި އެމަނިކުފާނަށް ހަމަޖައްސައިދީފައިވާ ވަސީލަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ރައީސް މައުމޫން، އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ އަރިހަށް މިނިސްޓަރު މުއިއްޒު އިއްޔެ ޒިޔާރަތްކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން "ސަން"އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ތިން ބޭފުޅުންނާ ވެސް ބައްދަލުކުރެއްވީ ރައީސް ޔާމީން އެކަމަށް އެދިވަޑައިގަތުމުން ކަމަށާއި، އެމަނިކުފާނު އެގޮތައް ބޭނުންފުޅުވީ ތިން ބޭފުޅުންގެ ހާލު ވީހާވެސް ގާތުން ބެއްލެވުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރެއްވީ މާފުށީ ޖަލުގައި އެމަނިކުފާނު ހުންނަވާ ހާއްސަ ތަނުގައި ކަމަށެވެ. އަދި އެ ތަނަކީ ފާހާނައަކާ ސިޓިންގްރޫމެއްގެ އިތުރުން ނިދިކުރައްވާނެ ކޮޓަރީއަކާއެކު ތަނަވަސް ގޯތިތެރެއެއް ވެސް އޮންނަ ތަނެއް ކަމަށެވެ.

އަދި ވިދާޅުވީ އެމަނިކުފާނާ ބައްދަލު ކުރެއްވީ އެތަނުގައި ހުންނަ ސިޓިންގްރޫމުގައި ކަމަށާއި ރައީސް މައުމޫން އިންނެވީ އެ ތަނުގައި ހުންނަ ސޯފާއެއްގައި އިށީންދެވަޑައިގެން ކަމަށެވެ.

"ސޯފާގައި އިށީންދެވަޑައިގެން އިންނަވައިގެން މައުލޫމާތު ދެއްވީ. ވިދާޅުވީ ދޫނިދޫގައި ހުންނެވި އިރު ހުންނެވި ތަނަށް ވުރެ މިހާރު މާފުށީ ޖަލުގައި ހުންނެވި ތަން އެތައް ގޮތަކުން ރަނގަޅުކަމަށް. އަދި ވިދާޅުވި ހުރިހާ ވަސީލަތްތައް ވެސް ވަރަށް ފުރިހަމައަށް ލިބިވަޑައިގަންނަވާ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާއި ބެހޭގޮތުން ސުވާލު ދެންނެވުމުން ސިއްހީ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައިވެސް "ރިކުއެސްޓް" ކުރުމުން ޑޮކްޓަރުން ފޮނުވައިގެން ބޭސްފަރުވާގެ ހިދުމަތް ލިބިވަޑައިގަންނަވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ވަކީލުންގެ ބައްދަލުވުންވެސް ކޮންމެ ދުވަހަކު ލިބިވަޑައިގަންނަވާކަމަށް މައުމޫން ވިދާޅުވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީޑީއާގައި ރައީސް މައުމޫންގެ ވަކީލުން ފާހަގަ ކުރައްވާފައިވާ އެއްވެސް ވާހަކައެއް ރައީސް މައުމޫން ވިދާޅުނުވާ ކަމަށާއި އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ މިނިސްޓަރު މުއިއްޒު ބައްދަކުރައްވަން ވަޑައިގަތުމުން އެމަނިކުފާނު އައީ ރައީސް މައުމޫންގެ ހާލުބައްލަވަން ނޫންކަމަށާއި ވަޑައިގަތީ ކަންދެއްކުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް މައުމޫނުގެ ހާލުފުޅު ރަނގަޅު ނޫން ކަމަށްވެސް މުއިއްޒު އަރިހުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ވަކީލު ޝަމީމް ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާވެސް އިއްޔެ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު "ސަން"އަށް ވިދާޅުވީ އެމަނިކުފާނުވެސް ހުންނެވީ ހެޔޮ ހާލު ކޮޅުގައި ކަމަށެވެ. އަދި ހައްޔަރުގައި ހުންނަވަނިކޮށް ކޮންމެވެސް ވަރަކަށް އާލާސްކަންފުޅާ އުޅުއްވި ނަމަވެސް، ބޭސްފަރުވާގެ ހިދުމަތް ބަރާބަރަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ހައްޔަރުގައި ހުންނަވަނިކޮށް ފުލުހުން އެއްވެސް އަނިޔާއެއް ކުރައްވާފައި ނުވާކަމަށް ވިދާޅުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފަނޑިޔާރު އަލީ ހަމީދާއެކު ކުރިއަށް ދިޔަ ބައްދަލުވުމާއި ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު "ސަން"އަށް ވިދާޅުވީ، "ފުލުހުން މިހާ ރަނގަޅަށް ކަންކޮށްދެއްވާނެ ކަމަށް ހީފުޅުވެސް ނުކުރައްވާ ކަމަށް" ފަނޑިޔާރު އަލީ ހަމީދު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ބޭސްފަރުވާވެސް ބަރާބަރަށް ލިބިވަޑައިގަންނަވާ ކަަމަށް އަލީ ހަމީދު ވިދާޅުވި ކަމަށް މުއިއްޒު ކަމަށެވެ.

"އަލީ ހަމީދު ވިދާޅުވީ އެމަނިކުފާނަކީ ވަކިގޮތަކަށް ކެއުން ބަހައްޓަން ޖެހޭ ބޭފުޅަކަށްވާތީ އެކަންކަން އެގޮތައް ހަމަޖައްސައިދެއްވުމަށް އެދުމުން، އެކަން ކޮށްދެއްވާފައިވާ ކަމަށް. އަދި ނިދުމުގެ ކުރިން ނަންގަވަން ޖެހޭ ޓްރީޓްމަންޓެއްގެ ވާހަކަ ފުލުހުންނަށް ވިދާޅުވުމުން އެކަންވެސް ބަރާބަރަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަލާމަތީ ޚިދުމަތްދޭ އެއްވެސް ފަރާތަކުން އެ ތިން ބޭފުޅުންނަށް އަނިޔާކޮށްފައި ނުވާކަން އެބޭފުޅުން ޔަގީން ކޮށްދެއްވި ކަމަށެވެ. އަދި މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތައް ނުދެއްކުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

comment ކޮމެންޓް