ޒިންމާތަކުން ދުރުކުރި ގާޒީ މަރިޔަމް ވަހީދު ވަޒީފާއަށް ނުކުންނަން އަންގައިފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު --- ސަން ފައިލް ފޮޓޯ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ބާތިލުކޮށް އަލުން ވަޒީފާއަށް ނުކުންނަން އަންގައިފި އެވެ.

އެނގިފައިވާ ގޮތުން ސުޕްރީމް ކޯޓުން އެ އަމުރު ބާތިލު ކުރީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދުން ފެށިގެން ވަޒީފާއަށް ނުކުތުމަށް ވަނީ އަންގާފައެވެ.

ނަމަވެސް ގާޒީ މަރިޔަމް ވަހީދު މިވަގުތު ހުންނެވީ އެމަޖެންސީ ލީވްއެއްގައި ކަންވެސް އެނގިފައިވެ އެވެ. އަދި ވަޒީފާއަށް ނުކުންނަވާ ގޮތަށް ހަމަޖެހިފައިވަނީ ފެށޭ ހަފްތާގައިކަންވެސް 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.

ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭޖީ އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އަމުރު ކުރީ މީގެ އަހަރެއް ދުވަސް ކުރިން ވޭތުވެ ދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އެއީ ކުރި ހުކުމަކާ ގުޅިގެން ފަނޑިޔާރަށް ކޯޓަކުން އަމުރެއް އައި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

comment ކޮމެންޓް