ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު އަވަހާރަވެއްޖެ

ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ޝަންގްރާއީ އަަވަހާރަވީ ކެންސަރަަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް --- ފޮޓޯ: އޭޕީ

ހަރާރީ (ފެބްރުއަރީ 15): ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ޝަންގްރާއީ، އުމުރުން 65 އަހަރުގައި އަވަހާރަވެއްޖެ އެވެ.

މޫވްމެންޓް ފޯ ޑިމޮކްރެޓިމް ޗޭންޖް (އެމްޑީސީ) ޕާޓީގެ ބާނީ، ޝަންގްރާއީ އަވަހާރަވީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދާތާ ދެ އަހަރު ފަހުންނެވެ.

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭއާ ވާދަކުރެއްވުމުގައި ސިޔާސީ ހަޔާތުގެ ބޮޑުބައެއް ހޭދަ ކުރެއްވި ޝަންގްރާއީއަށް ވަނީ އެތައް ފަހަރަކު އަނިޔާކޮށް ޖަލަށްލައިފަ އެވެ.

އޭނާ ވަނީ ދެހާސްއަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުގާބޭއާ ވާދަ ކުރައްވައި، މުގާބޭ އަށް ވުރެ ގިނަ ވޯޓު ފުރަތަމަ ރައުންޑުގައި ހޯއްދަވާފައިވެ އެވެ. ނަމަވެސް އެއިންތިހާބުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން ޒިމްބާބުވޭގެ ސިފައިން އިދިކޮޅު ފަރާތްތަކަށް އަނިޔާކޮށް ޖަލަށްލި އެވެ.

އޭގެ ސަބަބުން ޝަންގްރާއީ ނިންމެވީ ރިޔާސީ ރޭހުން ވަކިވާށެވެ. އަދި މުގާބޭއަށް އަނެއްކާ ވެސް ވެރިކަން ޔަގީންވި އެވެ. ނަމަވެސް އެނަތީޖާއާ ގުޅިގެން ޒިމްބާބުވޭގައި ހަމަނުޖެހުން އުފެދި، މުގާބޭގެ ސަރުކާރަށް ބައިނަލްއަގުވާމީ ފާޑު ކިޔުންތައް އަމާޒުވި އެވެ.

އޭގެ ސަބަބުން މުގާބޭގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމެއް ހަދައި، ޝަންގްރާއީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމި އެވެ.

ޝަންގްރާއީ ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މުގާބޭއާ ވާދަ ކުރައްވާފައި އެވެ. ނަމަވެސް އެއިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ މުގާބޭ އެވެ. (ބީބީސީ)

comment ކޮމެންޓް