ދެކުނު އެފްރިކާގެ ރައީސް ޒޫމާ އިސްތިއުފާ ދެއްވައިފި

ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވި ޖޭކޮބް ޒޫމާ -- ފޮޓޯ/ އޭއެފްޕީ

ކޭޕްޓައުން (15 ފެބްރުއަރި): ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު ހަވީރު ގައުމާ މުހާތަބުކުރައްވައި، ޒޫމާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާގެ ހިޠާބުގައި ޒޫމާ ވިދާޅުވީ ދެކުނު އެފްރިކާގެ ވެރިކަން ކުރާ ޕާޓީ އެފްރިކަން ނެޝެނަލް ކޮންގްރެސް (އޭއެންސީ) އިން އޭނާއާ ދެމެދު ކަންތައްކުރި ގޮތާ ދޭތެރޭ ވަަރަށް ބޮޑަށް ހިތްހަަމަނުޖެހޭ ކަމަށެވެ.

މަގާމުން ދުރުކުރުމަށް ވޯޓުނަގާފާނެތީ އެކަމާމެދު ކަންބޮޑު ނުވާކަމަށް ޒުމާ ވިދާޅުވިއެވެ. "އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަށް ވާނީ ގައުމަށް ހިދުމަތްކޮށްދީފައި،" ޒޫމާ ވިދާޅުވިއެވެ.

އިސްތިއުފާއަށް ފަހު އޭއެންސީއިން ނެރުނު ބަޔާނުގައި ބުނީ ޒޫމާގެ އެ ނިންމުމުގެ ސަބަބުން ގައުމަށް ހަމަޖެހުން އަންނާނެ ކަމަށެވެ. ޒޫމާ އިސްތިއުފާ ދެއްވީ މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ވެރިކަންކުރާ ޕާޓީ އެފްރިކަން ނެޝަނަލް ކޮންގްރެސްއިން އިއްޔެ އަމުރުކޮށްފައި ވަނިކޮށެވެ.

ޒޫމާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ދެކުނުު އެފްރިކާގައި ބޭއްވި ލޯކަލް އިންތިހާބުގައި އޭއެންސީއަށް އިންތިހާބު ކާމިޔާބު ކުރެވުނީވެސް ވަރަށް ކުޑަ ތަފާތަކުންނެވެ.

އޭއެންސީގެ މެމްބަރުން ދެކޭގޮތުގައި ޒުމާގެ އަމަލުތަކުގެ ސަބަބުން ޕާޓީއަށް ވަނީ ވަރަށް ބޮޑު ކިލަނބުކަމެއް އައިސްފައެވެ.

މަސްދަރު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް