ޝައިޚް އިމްރާން މިނިވަންކޮށް، ބަދަލުދިނުމަށް ޔޫއެންޑަބްލިއުޖީއޭޑީ އިން ގޮވައިލައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ފުލުހުންގެ ލޯންޗެއްގައި --- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ދައުލަތުން އުފުލި ޓެރެރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ މިނިވަންކޮށް ބަދަލުދިނުމަށް އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބްލިއުޖީއޭޑީ) އިން ގޮވައިލައިފިއެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީސް އޮފް ދަ ކޮމިޝަނާ އިން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ބައިނަލްވާމީ ގާނޫނުތަކަށާއި އަދި އިންސާނީ ހައްގުތަކަށް ރިއާޔަތްކުރާއިރު އިމްރާންގެ ޝަރީއަތް އިންސާފުވެރިނޫން ކަމަށެވެ.

"ވާކިން ގްރޫޕުން ދެކޭގޮތުގައި މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ޝައިޚް އިމްރާން ދޫކޮށްލައި، ބައިނަލްގާވީ ގާނޫނުތަކާއި އެއްގޮތަށް އޭނާއަށް ލިބުނު ގެއްލުމަށް ބަދަލު ދިނުން،" ވޯކިން ގްރޫޕުން ނިންމި ނިންމުމުގައިވެއެވެ.

ވޯކިން ގްރޫޕުގެ ނިންމުމުގައި ބުނެފައި ވަނީ ޝައިޚް އިމްރާންގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށާއި އަދި ޝަރީއަތުގައި ވަކީލެއް އައްޔަންކުރުމަށް އެކަށީގެންވާ ވަގުތު ވެސް ދީފައިނުވާ ކަމަށެވެ.

ޝަރީއަތުގައި އިމްރާންގެ ފަރާތުން ދިފާއުގައި ހެއްކަކު ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އިމްރާންގެ މައްސަލަ ބެލުމަށް ފުރަަތަމަ ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިނަމަވެސް ފަހުން އެ މައްސަލަ ބަލާފައިވަނީ އެންމެ ފަނޑިޔާރެއްކަމަށް ވޯކިން ގްރޫޕްގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.

އިމްރާން ހައްޔަރުކުރީ ސަރުކާރުގެ ކޯލިޝަނުން ވަކިވެ ސަރުކާރުގެ ނިންމުންތަކާ މެދު ފާޑުކިޔަން ފެށުމުން ކަމަށާއި އަދި ޖަަލަށް ލުމުން އިމްރާންގެ ސިއްހީ ހާލަތުވެސް ގޯސް ވެފައިވާ ކަމަށް ވޯކިން ގްރޫޕުގެ ނިންމުމުގައިވެއެވެ.

އެގޮތުން ޝައިޚް އިމްރާން ދޫކޮށްލައިފިނަަމަ ދޫކޮށްލި ތާރީޚާއި ލިބުނު ގެއްލުމަށް ދޭ ބަދަލުގެ ތަފްސީލު ހިއްސާކުރުމަށް ވެސް ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ޝައިހް އިމްރާންގެ ހައްގުތަކަށް އަރައިގެންފައިވާތީވެ، އެކަން ތަހުގީގުކޮށް އަދި ބައިނަލަގްވާމީ ގާނޫނުތަކާ އެއްގޮތަށް ރާއްޖޭގެ ގާނޫނުތަކަށް ބަދަލުގެނެސްފައިވާނަމަ އެކަން އެންގުމަށް ވެސް ގޮވާލާފައިވެއެވެ.

އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.

ޓެރެރިޒަމްގެ ކުށުގައި ޖަލަށްލާފައިވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށްވެސް ވޯކިން ގްރޫޕުން މީގެ ކުރިން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް