ދެކޮރެއާގެ ގުޅުންތަކުގައި އުންމީދީ ކުލަޖެހޭތަން ބަލަން އެމެރިކާއަށް ކެތެއް ނުވާނެ!

ކިމް ޖޮންގް އުން އާއި އޭނާގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް

ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގައި ބައިވެރިވުމަށް ދެކުނު ކޮރެޔާއަށް ދިޔަ އުތުރުކޮރެޔާގެ ކުޅިވަރު ޓީމަށާއި އޮފިޝަލުންގެ ވަފްދަށް ދެކުނު ކޮރެޔާގެ ސަރުކާރުން ދިން ސަމާލުކަމާއި ކުރި އިޙްތިރާމާއި ބެހެއްޓި މެހްމާން ދާރީއަށް އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ދެކުނަށް ވަޑައިގެންނެވި އުތުރުގެ ވަފްދުގެ ބޭފުޅުން އެނބުރި ގައުމަށް ވަޑައިގަތުމުން ކިމްޖޮންގް އުން އެބޭފުޅުންނާ ބައްދަލުކުރައްވައި ކަންކަންއޮޅުއްފިލުއްވުމަށްފަހު ވިދާޅުވީ ދެކޮރެޔާގެ ރައްޔިތުންނަކީ އެއްލެއެއްގެ އެއްނަސްލެއްގެ، އެއްސަގާފަތެއްގެ، އެއްބަހެއްގެ އަދި އެއް ތާރީޚެއްގެ ބައެއްކަން ދެކުނުގެ ސަރުކާރާއި ރައްޔިތުން ސާބިތުކޮށްދީފި ކަމަށާއި އެކަމަށްޓަކައި ދެކުނުގެ ސަރުކާރާއި ރައްޔިތުންނާ އަދި ރައީސް މޫންޖީ އިން އަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.

ދެކުނު ކޮރެޔާއަށް ޒިޔާރަތް ކުރެއްވި އުތުރު ކޮރެޔާގެ ވަފްދުގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އުތުރުކޮރެޔާގެ ޝަރަފީ ރައީސް ކިމް ޔުންގް ނާމް އާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ އަންހެން ކޮއްކޯފުޅު ކިމް ޔޯ ޖޮންގް އާއި އުތުރުކޮރެޔާގެ ކުޅިވަރާބެހޭ ވަޒީރާއި ދެކޮރެޔާގެ އެއްބައިވަންތަކަމާއި ވަހްދަތާބެހޭ ވަޒީރެވެ. ދެކުނު ކޮރެޔާގެ ރައީސް މޫން ޖީ އިން ވަނީ ދެކުނުގެ ރިޔާސީ ގަނޑުވަރުކަމަށްވާ ބްލޫ ހައުސްގައި އުތުރުގެ ވަފްދަށް ޚާއްސަ މަރްހަބާއެއް ދަންނަވައި އެބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.

އޮލިމްޕިކްސް ކުޅިވަރުތައް ފެށި ޖަލްސާގައިވެސް އެހެންގައުމުތަކުން ވަޑައިގެންނެވި ވަފްދުތަކަށްވުރެ ބޮޑު އިސްކަމެއް އުތުރުކޮރެޔާގެ ވަފްދުގެ ބޭފުޅުންނަށް ދީފައިވެއެވެ. އެޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްވަނީ މިކަމާ ހިތްހަމަޖެހިވަޑައިނުގެން ނުސީދާ ގޮތެއްގައި އޭނާގެ ހިތްހަމަނުޖެހުން ފާޅުވެސްކުރައްވާފައެވެ. މިގޮތުން އުތުރުކޮރެޔާއާ ގާތްވުމުގައި ވިސްނައިގެން އުޅުއްވުމަށާއި އުތުރުކޮރެޔާއަކީ އދ. ން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމަކަށްވާތީ އެފިޔަވަޅުތަކުން ބޭރު ނުވާނެ ގޮތެއެއްގެ މަތިން އުތުރުކޮރެޔާއާ މުއާމަލާތް ކުރުމަށް ޕެންސް ދެކުނުކޮރެޔާގެ ރައީސް މޫން ޖީ އިން އަށް ދެންނެވި އެވެ. ނަމަވެސް އޭނާ މިކަމަށް އަޅާލައްވާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެކުނަށް ވަޑައިގެންނެވި އުތުރުގެ ވަފްދުގެ ބޭފުޅުން އެނބުރި ގައުމަށް ވަޑައިގަތުމުން އެބޭފުޅުންނާ ބައްދަލުކުރައްވައި އުތުރުގެ ޒައީމް ކިމް ޖޮންގް އުން ވިދާޅުވީ ދެކުނާއެކު ސުލްޙަ ގާއިމްކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ނިންމަވައިފައިވާ ކަމަށާއި ކޮއްކޯފުޅު ކިމް ޔޯ ޖޮންގްގެ ފަރާތުން ދެކުނާމެދު ޕޮޒިޓިވް ވާހަކަތަކެއް ލިބިގެންދިޔަކަމުގައެވެ. އޭގެ އަލީގައި ދެކުނާ ސުލްޙަ ގާއިމް ކުރަން މަސައްކަތްކުރައްވާނެ ކަމަށް ކިމް ޖޮން އުން ވިދާޅުވި އެވެ.

ދެކުނު ކޮރެޔާގެ ޕިޔޮންގް ޝާންގައި ފެށި ފިނި މޫސުމުގެ އޮލިމްޕިކްސް ކުޅިވަރުތަކުގެ ރަސްމިއްޔާތުގައި ދެކުނު ކޮރެޔާއާއި އުތުރު ކޮރެޔާ ބައިވެރިވެފައިވަނީ އެއްބައިވަންތަ ދެ ކޮރެޔާ ރަމްޒުކޮށްދޭ އެއްޓީމުގެ ގޮތުގައި އެކަމަށް ހާއްސަ ދިދައެއްގެ ދަށުންނެވެ. މިއީ މީގެކުރިން ޚިޔާލަށްވެސް ނުގެނެވޭވާރުގެ ކަމެކެވެ.

ދެކޮރެޔާއަކީ ކުރިން އެއްގައުމެކެވެ. އެއީ ކޮރެޔާ އެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސަބަބުން ކޮރެޔާ ބައިބައިވެ ދެކުނު ކޮރެޔާއަކާއި އުތުރު ކޮރެޔާ އުފެދިގެން ދިޔައީއެވެ. އެއަށްފަހު ދެކޮރެޔާގެ ދެމެދުގައި ދުޝްމަންކަން އުފެދި ނަވާރަސަތޭކަ ފަންސާހުން ނަވާރަސަތޭކަ ފަންސާސް ތިނަކަށް ހިނގި އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ހަނގުރާމައަށްފަހު ދެގައުމުގެ ދެމެދުގައި އަދި ރަސްމީ ސިފައެއްގައި ސުލްޙައިގެ އެއްބަސްވުމެއް ގާއިމް ކުރެވިފައެއް ނުވެ އެވެ.

ދެކޮރެޔާގެ ދެމެދުގައިވާ މައްސަލަތައް ހޫނުކުރުމުގެ ފަހަތުގައިވާކަމުގެ ތުހުމަތު ކުރެވެނީ އެމެރިކާގެ މައްޗަށެވެ. އެމެރިކާގެ އެއްބޭނުމަކީ ދެކޮރެޔާ އެއްވިޔަ ނުދީ އެދެގައުމު ދުޝްމަން ކުރުވައިގެން ދެކުނު ކޮރެޔާއަށް ހަތިޔާރު ވިއްކުމުގެ ފުރްސަތު ހޯދުމެވެ. އަނެއް ބޭނުމަކީ ދެކުނުގައި އަސްކަރީ ގޮތުން ފައިހަރުކުރުމުގެ ފުރްސަތު ހޯދައިގެން ކޮރެޔަން ޕެނިންސިއުލާއަށް ހަންފެތުރުމެވެ. ނަމަވެސް އެމެރިކާއަށް ބެލުމެއްނެތި ދެކުނުކޮރެޔާގެ ކިބައިން މިފަހަރު ފެނުނީ އެއްބަނޑު އެއްބަފާ ގައުމު ކަމަށްވާ އުތުރުކޮރެޔާއާ ސުލްޙަ ގާއިމް ކުރެވޭތޯ ބެލުމެވެ. ލޭގެ ގުޅުންތައް ދުރުނުކުރެވޭނެ ކަމުގެ މެސެޖް އެމެރިކާއަށް ދިނުމެވެ. މިގޮތުން އުތުރުން ހަތިޔާރު ތަޖްރިބާ ކުރުން ހުއްޓާލައިފިނަމަ ދެކުނުން އޮތީ އުތުރަށް އިގްތިސާދީގޮތުން ބޮޑެތި އެހީތެރިވެދޭން ތައްޔާރަށްކަން އުތުރުގެ ވަފްދުގެ ބޭފުޅުންނަށް ރައީސް މޫންޖީ އިން ދެންނެވި އެވެ.

ދެކުނު ކޮރެޔާގައި ފެށި އޮލިމްޕިކް ކުޅިވަރުތަކުގައި އުތުރުކޮރެޔާ ބައިވެރިވުމުން ދެކޮރެޔާގެ ގުޅުންތަކަށް ވަނީ މިފަހަކަށް އައިސް ނާންނަ ވަރުގެ ބޮޑު އުންމީދުތަކެއް އައިސްފައެވެ. އަދި އުތުރުގެ ވަފްދަށް ދެކުނުން ކަމޭހިތިލެއް ފުރިހަމަކަމުން ޒައީމް ކިމްޖޮންގް އުން އުފާފުޅު ވުމުން ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށިދާނެކަމުގެ އުންމީދުވެސްވަނީ އާލާވެގެން ގޮސްފައެވެ.

އުތުރުގެ ވަފްދުން ވަނީ އުތުރުކޮރެޔާއަށް ވަޑައިގަތުމުގެ ދައުވަތު ޒައީމް ކޮމް ޖޮންގް އުންގެ ފަރާތްޕުޅުން ދެކުނު ގެ ރައީސް މޫންޖީ އިންއަށް އަރުވާފައެވެ. އަދި ރައީސް މޫން ޖީ އިންވަނީ އުތުރަށް ވަޑައިގަތުމުގެ ދައުވަތު ގަބޫލުވެސް ކުރައްވާފައެވެ. ދައުވަތު ގަބޫލުކުރައްވަމުން ރައީސް މޫންޖީ އިންވަނީ ދެކޮރެޔާގެ ރައްޔިތުންނަކީ އެއްލެއެއްގެ އެއްނަސްލެއްގެ، އެއްސަގާފަތެއްގެ، އެއްބަހެއްގެ އަދި އެއް ތާރީޚެއްގެ ވެރި އެއްރައްޔިތެއްކަމަށް ސިފަކުރައްވައި އުތުރުކޮރެޔާއަށް ވަޑައިގަތުމަކީ ލިބިވަޑައިގަންނަވާނެ ޝަރަފެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް ދެކޮރެޔާގެ މިގުޅުންތައް ޚަރާބުކޮށްލުމަށް އެމެރިކާ މަސައްކަތްކޮށްފާނެކަމުގެ ބިރު އެބައޮތެވެ. ދެކޮރެޔާ އެއްވެއްޖެނަމަ އެއީ އޭޝިޔާގައި ޖަޕާނާ އެއްވަރުގެ ސިނާއީ ބާރަކަށް ވެގެންދާނެއެވެ. އެހެންވުމަކީ އެމެރިކާގެ އިތުރުން ޖަޕާންވެސް އަދި ޗައިނާވެސް އެދޭނެކަމެއްނޫނެވެ. ނަމަވެސް ދެކޮރެޔާގެ ގުޅުންތައް ޚަރާބުކޮށް އެދެގައުމު ދުޝްމަން ކުރުމުގެ އަމަލުތައް ފާޅުގޮތެއްގައި ހިންގަމުން ގެންދަނީ އެމެރިކާ އެވެ.

comment ކޮމެންޓް