މެލޭޝިއާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކާ ދެކޮޅަށް އެ ގައުމުގެ އެކްޓިވިސްޓުންތަކެއް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށަހެޅީ މެލޭޝިއާގެ ހިންދޫންގެ ޖަމާއަތެއް ކަމަށްވާ ހިންދްރަފްގެ ޗެއާމަން ވޭތާ މުރުތީ އާއީ މެލޭޝިއާގެ އެހެނިހެން އެކްޓިވިސްޓުންތަކެއް ގުޅިގެންނެވެ. އެކްޓިވިސްޓުން ވަނީ ޒާކިރު ނައިކަށް މެލޭޝިއާގެ "ޕާމަނަންޓް ރެސިޑެންސީ" ދީފައިވާތީ މެލޭޝިއާގެ ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފަ އެވެ.
ވޭތާ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވި އެ މައްސަލަ ކޯޓުން ބޭރުކޮށްލީ، މައްސަލަ ހުށަހެޅި އިރު ދައުވާ ލިބޭ ފަރާތުގެ ގޮތުގައި ޒާކިރު ނައިކް ހިމަނާފައި ނުވާތީ ކަމަށާއި އެހެން ކަމުން ޒާކިރު ނައިކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ.
މެލޭޝިއާގެ ޖަމާއަތެއް ކަމަށްވާ ޕެރްކާސާ އިން ވެސް ވަނީ އެ މައްސައިގެ ތެރެއަށް ވަދެފަ އެވެ. ޕަރްކާސާގެ ރައީސް އަލީ އިބްރާހިމް ވިދާޅުވީ ހެއްކާއި ގަރީނާ ހުރި ކަމުގައިވާ ނަމަ ކޯޓަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް މީހަކާ މެދު ޒާތީވެގެން ކޯޓަށް މައްސަލަ ހުށަނޭޅޭނެ ކަމަށް އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒާކިރު ނައިކައާ ދެކޮޅަށް ކުރާ ޓެރެރިޒަމަށް ހިތްވަރުދިނުމުގެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ބަޔަކު މަސައްކަތް ކުރަނީ އެކަންތައް މައްސަލައަކަށް ހަދަން ކަމަށެވެ.
ޑރ. ނައިކްގެ މަައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް އައީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި ޓެރެރިސްޓް ހަމަލާއަކަށް ފަހު އެވެ. ބަންގްލަދޭޝުން ބުނެފައިވާ ގޮތުގައި އެ ހަމަލާގައި ބައިވެރިވި މީހުން އެއަމަލު ހިންގައިފައި ވަނީ ޑރ. ނައިކް ދެއްވާ ދަރުސުތަކުން ހިތްވަރު ލިބިގެންނެވެ.
އެއަށް ފަހު އިންޑިއާއިން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަދެ ވަގުތުން ހާއްސަ ތަހުގީގެއް ފައްޓައިފަ އެވެ. އޭގެ ފަހުން ޒާކިރު ނައިކް އުޅުއްވަމުން ގެންދަވަނީ އަމިއްލައަށް އަރުވާލެވިގެން މެލޭޝިއާގަ އެވެ.
ޑރ. ނައިކުގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޓެރެރިޒަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކުމާއި މަނީ ލޯންޑަރިންގެ މައްސަލަތައް ހިމެނެ އެވެ.
ޑރ. ޒާކިރު ނައިކް ވަނީ އޭނާއާ މެދު ކުރެވިފައިވާ ހުރިހާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަދި މިއީ މުސްލިމަކަށް ވީތީ ޒާތީ ގޮތުން ވަކި އަތަކަށް ޖެހިފައިވާ މައްސަލައެއް ކަމަށް ޑރ. ނައިކް ވަނީ ވިދާޅުވެފަ އެވެ.