ބީއެމްއެލް 'ކޭޝްލެސް ރައިޑް' ޚިދުމަތް ހުޅުމާލޭގެ ޓެކްސީތަކަށް ތައާރަފްކޮށްފި

ބީއެމްއެލް 'ކޭޝްލެސް ރައިޑް' ޚިދުމަތް ހުޅުމާލޭ ޓެކްސީތަކަށް ތައާރަފްކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ "ބީއެމްއެލް ކޭޝްލެސް ރައިޑް" ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބީއެމްއެލް އިން މާލޭގައި ތައާރަފްކުރި އެ ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް 'ކޭޝްލެސް ރައިޑް' ޚިދުމަތް ހުޅުމާލޭ ޓެކްސީތަކަށް ތައާރަފްކުރުން -- ފޮޓޯ/ ބީއެމްއެލް

އެ ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ، ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް މި ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދައިދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޚިދުމަތް ތައާރަފް ކުރުމުން، ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ." ޝަރީފް ވިދާޅުވިއެވެ.

މިއަދު ހުޅުމާލޭގައި ފެށި އެ ހިދުމަތަކީ ބީއެމްއެލްއިން މިމަހުގެ އެއްވަނަ ދުވަހު ފަށައިގެން ކުރިއަށްގެންދާ އަހަރެންގެ ބޭންކްގެ ކެމްޕެއިންގެ ދަށުން ތައާރަފްކުރި ހިދުމަތެކެވެ.

comment ކޮމެންޓް