ކުޅުންތެރިންނަށް ހިމާޔަތްދީ ފުޓުބޯޅައިގެ އަގު ހިފެހެއްޓުމަކީ ރެފްރީންގެ ޒިންމާއެއް!

މިހާތަނަށް ފުޓުބޯޅަ ދުތް އެންމެ މޮޅު އެއް ރެފްރީ ކޮލީނާ: އޭނާއަކީ މިހާރު ޔޫއެފާގެ ޗީފް ރެފްރީން އޮފިސަރު --- ފޮޓޯ/ ގެޓީ

ކުޅުންތެރިން ހިމާޔަތް ކުރުމާ ފުޓުބޯޅައިގެން އަގު ހިފެހެއްޓުމަކީ ރެފްރީންގެ ފުރިހަމަ ޒިންމާއެއް ކަމަށް ޔޫރަޕް ފުޓުބޯޅައިގެން މައި އިދާރާ ޔޫއެފާއިން ބުނެފިއެވެ.

މި ފަހަކަށް އައިސް ބޮޑެތި ފައުލްތަކެއްގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވާ ވާހަކަ އަކީ ގިނަ ކޯޗުންގެ ޝަކުވާއެކެވެ. ހާއްސަކޮށް ޕްރިމިއާ ލީގުގެ ކޯޗުން ކަމަށްވާ ޕެޕް ގާޑިއޯލާއާއި ހޯސޭ މޮރީނިއާގެ އިތުރުން ޕީއެސްޖީގެ ކޯޗު އުނައި އެމްރޭ ފަދަ ބޮޑެތު ކޯޗުންވަނީ ކުޅުންތެރިންނަށް ހިމާޔަތް ދިނުމަށް ރެފްރީންނަށް ގޮވާލައިފައެވެ.

ޔޫއެފާގެ ޗީފް ރެފްރީން އޮފިސާ ޕިއާ ލުއީޖީ ކޮލީނާ ބުނެފައިވަނީ ކުޅުންތެރިންނަށް ރައްކާތެރިކަމާއެކު ފުޓުބޯޅަ ކުޅެވޭނެ މާހައުލެއް ދަނޑުމަތީގައި ފަހިކޮށްދިނުމަކީ ރެފްރީންގެ މައްސޫލިއްޔަތެއް ކަމަށެވެ. އަދި ގަސްތުގައި އިދިކޮޅު ކުޅުންތެރިޔާއަށް އަނިޔާ ދިނުމަށް ކުރާ ފައުލްތަކަށް ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށާއި، އެފަދަ ޗެލެންޖުތަކަކީ އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ކަންކަން ކަމަށްވެސް ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ ކުޅުންތެރިއަކަށް ދަނޑުމަތީގައި އެންމެ މުހިއްމު ކަމަކީ އިދިކޮޅަށް ނުކުންނަ ކުޅުންތެރިޔާއަށް ފުރިހަމައަށް އިތުބާރުކުރުން ކަމަށާއި، އެ ކުޅުންތެރިޔަކު ބޭނުންވާ އިހުތިރާމް ލިބޭނީވެސް އިދިކޮޅު ކުޅުންތެރިޔާއަށްވެސް އިހުތިރާމް ދީގެން ކަމަށެވެ.

ކޮލީނާ އިތުރަށް ބުނެފައިވަނީ ޕްރެޝަރު ވަގުތުގައި ރެފްރީއަށް ނިންމުން ނިންމަން ކުޅުންތެރިންވެސް އެހީތެރި ވެދޭން ޖެހޭނެ ކަމަށާއި، ހުރިހާ ކުޅުންތެރިން ގޮސް ރެފްރީއަށް ހިޔާލުތައް ހުށަހެޅުންވެސް ކުޅުންތެރިން ދޫކޮށްލަން ޖެހޭ ކަމަށެވެ. ރެފްރީންގެ ކޮންމެ ނިންމުމަކީވެސް ފުޓުބޯޅައިގެ އަގު ހިފެހެއްޓުމަށް މުހިއްމު ނިންމުންތަކެއް ކަމަށާއި، ރެފްރީން އަބަދުވެސް އެކަން ހަނދާނުގައި ބެހެއްޓުމަށް ކޮލީނާވަނީ ހަނދާން ކޮށްދީފައެވެ.

comment ކޮމެންޓް