ހިރިޔާގެ ތާރީހީ ހާފިޒާ:، ކާމިޔާބީ އަކީ މަންމަގެ ހިތްވަރާއި ދީން

ހިރިޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ހާފިޒާ ކަމުގެ ޝަރަފް ލިބުނު ހިޝްމާ ''ސަން'' އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަބަދުވެސް ހެޔޮ ބަހެއް ނޫނީ ނުބުނާނެ. އެގޮތަށް ހިތްވަރު ވެސްދޭނެ. ވަރަށް ވިސްނުން ރަނޅު ކުއްޖެއް. ކިޔަވަން ނޭނގުނު އިރު ވެސް ޤުރުއާނުގެ އާޔަތްތައް ކިޔަވާނެ،"

މިއީ ހިރިޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި މިހާރު ކިޔަވަމުން އަންނަ އެ ސްކޫލު މިއަދު ފަހުރުވެރިވާ ތާރީހީ ދަރިވަރު، އާމިނަތު ހިޝްމާ އާދަމް ސިފަކޮށް އޭނާގެ މަންމަ ކިޔައިދިން ގޮތެވެ.

މާލެ، މ. ސަހަމަރު ބުލޫގޭ އުމުރުން 14 އަހަރުގެ ހިޝްމާއަކީ މިއަދު ހިރިޔާގެ ތާރީހުގައި އެންމެ ފުރަތަމަ ޤުރުއާން ހިތުދަސްކުރި އަންހެން ދަރިވަރެވެ. އެ ސްކޫލުގެ އަގުބޮޑު "ރަން ތަރި" އެކެވެ. އާއިލާގެ އިމާމެއްގެ އިތުރުން ދީނީ ކަންކަމަށް ސަމާލުކަންދޭ ދީންވެރިކަމުގެ ނަމޫނާ އެކެވެ.

ޤުރުއާން ހިތުދަސްކުރަން ފެށީ އުމުރުން އަށް އަހަރުގައި

ޤުރުއާނާ ބެހޭ މަރުކަޒުން މިދިޔަ މަހު ހާފިޒު ކަމުގެ ސަނަދު ހާސިލްކުރި ހިޝްމާ ޤުރުއާން ހިތުދަސް ކުރުމުގައި އަޒުމުގައި މަސައްކަތްފެށީ ތާޖުއްދީން ސްކޫލުގެ ގްރޭޑް ދޭއްގައި އުޅެނިކޮށެވެ.

އޭރު ހިޝްމާގެ އުމުރަކީ އެންމެ އަށް އަހަރު ނަމަވެސް، ބަލައިގެން ފަރިތަކަމާ އެކު ޤުރުއާން ކިޔަވަން އޭނާއަށް އޭރު ވެސް އެނގެ އެވެ.

"ފަހަރަކު އާޔަތަކުން އާޔަތަކުން ދަސްކުރީ. ދެން އަމިއްލަ އަށް ކިޔަނީ ބަލައިގެން ބާރަށް. އެކިޔާ އެއްޗެހި ހަނދާނުގައި ބަހައްޓަނީ ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ފޮތް މުރާޖާ ކުރަނީ. ދެން އެއަށް ފަހު ހިތުން ކިޔެވޭތޯ ވެސް ބަލަން،" ހިޝްމާ ޤުރުއާން ހިތުދަސްކުރި ގޮތް ކިޔައިދިނެވެ.

ހިރިޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ހާފިޒާ ކަމުގެ ޝަރަފް ލިބުނު ހިޝްމާ 'ކުޑައިރު، ޤުރުއާން މުބާރާތެއްގައި ކިޔަވަނީ ---

ނަމަވެސް ހިތުދަސް ކުރަން ފެށި އިރު ހިޝްމާއަށް އުދަނގޫތަކެއްވި އެވެ. ބައެއް ފަހަރު ދަސްނުވެގެން ރޯން ވެސް ރުޔެވެ. އެހެންނަމަވެސް ހިޝްމާ އަޒުމު ކަނޑައެޅި އެ މަތިވެރި އަޅުކަމުގައި ހިތްވަރަކަށް އަބަދުވެސްވީ އޭނާގެ ލޯބިވާ މަންމަ، ޒުލްފީން މުހައްމަދެވެ.

"އަބަދުވެސް ހިތަށް އަރާ މިކަން ވާނެއޭ. އެކަމަކު ފުރަތަމަ ފެށިއިރު ވަރަށް އުދަނގޫވި. މަންމަ ބުނާނެ ދަސްވާނެއޭ، މަސައްކަތްކުރީމަ ދަސްވާނޭ،" ހިޝްމާ ބުންޏެވެ.

އުފަންވި ދުވަހު ހާފިޒަކަށް ހެދުމަށް ދެކުނު ހުވަފެން ހަގީގަތަކަށް

ހިޝްމާއާ އެކު އޭނާގެ މަންމަ، ޒުލްފީންގެ އިތުރު އަންހެން ކުއްޖަކު ހުރެ އެވެ. ސީއެޗްއެސްސީގެ ގްރޭޑް 12ގައި މިހާރު ކިޔަވަމުން އަންނަ ހިޝްމާގެ އެ ދައްތައަކީ ވެސް ޤުރުއާނުގެ ރޮނގުން ކުރިއަށްދާ ދަރިވަރެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހާސިލް ކުރަމުންދާ ޒުވާނެކެވެ. އެކަމާ ޒުލްފީން ނުހަނު އުފާކުރެ އެވެ.

ނަމަވެސް ހިޝްމާ ލިބުނު ދުވަހު ބޮޑު ކަމަކަށް ޒުލްފީންގެ ހިތުގައި އަޒުމް ކަނޑައެޅި އެވެ. ދެވަނަ އަންހެން ކުއްޖަކީ ހާފިޒާއަކަށް ހެދުމުގެ ހުވަފެން އޭނާ އެދުވަހު ދުށްޓެވެ.

"ހިޝްމާ ލިބުނީ ރަމަޟާން މަހެއްގެ ހަތް ވަނަ ދުވަހު. ދެން އެދުވަހު ވެސް ހިޝްމާ ލިބުމުން ޤުރުއާން ހިތުދަސް ކޮށްދޭން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިން،" ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ޤާރީ ކޯސް ފުރިހަމަ ކުރަމުންދާ ޒުލްފީން ބުންޏެވެ.

ހިރިޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ހާފިޒާ ކަމުގެ ޝަރަފް ލިބުނު ހިޝްމާ ''ސަން'' އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރިއުޅުމުގައި ދިމާވި އެތައް ހިތްދަތި އަދި އުދަނގޫ އޮޅިގަނޑުތައް ހުރަސްކޮށް، ހިޝްމާއަށް ޓަކައި ދެކުނު ހުވަފެނުގައި ކުލަޖައްސަން އޭނާ މަސައްކަތްކުރި އެވެ. ޅަ ދުވަހުން ފެށިގެން ވަކި ހިސާބަކަށް ދަންދެން ހިޝްމާ އަށް ޤުރުއާން ކިޔަވައިދިނީ ޒުލްފީން އެވެ. އެތައް ވަގުތެއް ހިޝްމާއަށް ޓަކައި އޭނާ ޤުރުބާން ކުރި އެވެ.

ނަތީޖާއަކަށްވީ ޕްރީ ސްކޫލް ތައުލީމް ނިންމައި ގްރޭޑް އެކަކަށް ދިޔަ އިރު ހިޝްމާއަކީ ހަތިމު ބަލައިގެން ކިޔަވަން އެނގޭ ކުއްޖަކަށް ވުމެވެ.

އެކަމުން ޒުލްފީން އަށް ލިބުނީ އިތުރު ހިތްވަރެކެވެ. ހިޝްމާއަށް ދަސްނުވާނެއޭ ބުނެ ރުއިރުއިންތަކުން ހިތަށް ތަދުވި ނަމަވެސް އެ މަންމަ އެދުވަހު ކެތްތެރިވި އެވެ.

ޤުރުއާނުގެ 10 ފޮތް ކިޔެވުމަށް ފަހު ހިޝްމާއަށް ފަސޭހައިން ކިޔެވެން ފެށުމުން އިތުރަށް ކިޔަވައިދިނުމަށް ކީރިތި ޤުރުއަނާބެހޭ މަރުކަޒުން ހުޅުވާލި ހާފިޒުކަމުގެ ޕްރޮގްރާމުގައި ހިޝްމާ ބައިވެރިވި ކުރި އެވެ.

ގޭގެ އިމާމާ، އަމާޒަކީ ތަފްސީރު އިލްމުން ކުރިއަށް ދިއުން

"އޭރު ހިޝްމާމެން ކޮޓަރިއަކު ނީންނާނެ ގަޑިއެއް. ދެން އެއް ދުވަހު ނިދާފައި އޮއްވާ ކުއްލިއަކަށް ހޭލެވުނީ ކުއްޖަކު ޤުރުއާން ކިޔަވާ އަޑަށް. އޭރު ފަތިހު ދޭއް ޖަހާނީ. ގޮސް ހިޝްމާ ކޮޓަރި ބަލާލި އިރު އެބައިން ކިޔަވަން. ބުނީ، ފަތިސް ނަމާދަށް ގޮވިހެން ހީވެގެން ނަމާދުކޮށްގެން ކިޔަވަން އިނީ ކަމަށް،"

އަޅުކަމާއި ދީންވެރިކަމަށް ހިޝްމާ ދޭ ސަމާލުކަން ކިޔައިދެމުން ޒުލްފީން ހިއްސާކުރީ ގްރޭޑް ހަތެއްގައި ހިޝްމާ ކިޔަވަމުން ދިޔަ އިރު ހިނގި މި ހާދިސާ އެވެ.

ހިރިޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ހާފިޒާ ކަމުގެ ޝަރަފް ލިބުނު ހިޝްމާ ކުޑައިރު ---

ޒުލްފީން ބުނާ ގޮތުން، ހިޝްމާއަކީ ބަރާބަރަށް ފަރުޟު ފަސް ނަމާދުގެ އިތުރުން ސުންނަތް ނަމާދުތައް ވެސް ކުރަމުން އަންނަ ކުއްޖެކެވެ.

ކޮންމެ ރަމަޟާން މަހެއްގެ ތަރާވީސް ނަމާދު ވެސް ބަރާބަރަށް ހިޝްމާ ކުރާ ކަމަށް އޭނާގެ މަންމަ ބުންޏެވެ. ދައްތަ އަދި މަންމައާ އެކު ގޭގައި ތަރާވީސް ނަމާދުކުރާ އިރު ވޭތުވެ ދިޔަ ދެ ރަމަޟާން މަހު ވެސް އިސްވެ އިމާމުވެ ނަމާދު ކުރީ ހިޝްމާ އެވެ.

ހާފިޒާކަމުގެ ޝަރަފް ހިޝްމާ ހާސިލް ކުރި ސްކޫލުގައި އޮންނަ ޤުރުއާން މުބާރާތްތައް ފިޔަވައި ރާއްޖެ އާއި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތެއްގައި އޭނާ ބައިވެރިވެފައެއް އަދި ނުވެ އެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި ފުރުސަތު ލިބިއްޖެ ނަމަ އެފަދަ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވެފައި ހުރި ހިޝްމާގެ އުއްމީދަކީ ޤުރުއާންގެ ތަފްސީރްގެ އިލްމުން ކުރިއަށް ދިއުމަށެވެ.

އަދި މިވަގުތު ކުދިންނަށް ޤުރުއާން ކިޔަވައި ނުދިން ނަމަވެސް މުސްތަގްބަލުގައި ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ ވިސްނުން އެބަހުރި ކަމަށް ހިޝްމާ ބުނެ އެވެ.

ހިޝްމާމެން ފަދަ ދަރިވަރުންނަށް މިއަދު މިގައުމު ފަހުރުވެރިވެ އެވެ. އަދުގެ ދަރިވަރުންނަށް ހިޝްމާ ތިޔަ ދައްކައިދިން މިސާލަށް ޓަކައި ސާބަސް ކިޔަމެވެ.

ހިރިޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ހާފިޒާ ކަމުގެ ޝަރަފް ލިބުނު ހިޝްމާ ''ސަން'' އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް