ފްރާންސް ލީގުގައި ރޭ ޑީޖޯން އެފްސީއޯއާއި އޯޖީސީ ނީސް ވާދަކުރި މެޗުގައި ނަސްލީގޮތުން ދިމާކުރި ކަމަށް ބުނުމުން ނީސްގެ ފޯވަޑް މާރިއޯ ބަލޮޓެލީއަށް ރެފްރީ ދެއްކި ރީނދޫ ކާޑު ގޯސް ކަމަށް ފުޓްބޯލް އަގެއިންސްޓް ރޭސިޒަމް އިން ޔޫރަޕް (ފެއާ) އިން ބުނެފިއެވެ.
ނީސްއާއި ޑީޖޯން ވާދަކުރި މެޗު 2-3 ގެ ނަތީޖާއަކުން ޑީޖޯންއިން ކާމިޔާބުކޮށްފައިވާއިރު، ރޭގެ މެޗުގައި އެންމެންގެ ލޯތައް އަމާޒުވީ ބަލޮޓެލީއަށް ރެފްރީ ދެއްކި ރީނދޫ ކާޑަށެވެ.
ރަށުން ބޭރުގައި ނީސް ކުޅުނުއިރު ހޯމް ސަޕޯޓަރުންގެ ފަރަތުން ބަލޮޓެލީއަށް ނަސްލީގޮތުން ދިމާކުރުންތައް އައިސްފައިވާއިރު، ބަލޮޓެލީވަނީ މެޗުގައި ރެފްރީކަން ކުރި ނިކޮލަސް ރެއިންވިލޭއަށް އެކަން ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް ރެފްރީވަނީ ބަލޮޓެލީގެ ޝަކުވާތަކަށް އޭނާއަށް ރީނދޫ ކާޑު ދައްކައިފައެވެ.
ފުޓްބޯލް އަގެއިންސްޓް ރޭސިޒަމް އިން ޔޫރަޕް (ފެއާ)އިން ބުނެފައިވަނީ އެ ޝަކުވާތަކާއެކު ރެފްރީ ޖެހޭނީ ބަލޮޓެލީއަށް ރައްކާތެރިކަން ދިނުމަށް މަސައްކަތް ކުރަން ކަމަށާއި ބަލޮޓެލީއަށް ދެއްކި ރީނދޫ ކާޑު ގޯސް ކަމަށެވެ.
ފެއާއިން ބުނެފައިވަނީ ޔޫރަޕުގެ ބޮޑު ލީގެއްގައި ކުޅެމުންދިޔަ މެޗެއްގައި ރެފްރީއެއްގެ ފަރާތުން ޔޫއެފާގެ ޕްރޮޓޮކޯލުން ބޭރުގެ އަމަލެއް ފެނުމުން ހިތާމަ ކުރާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން އެދެނީ ފަރާންސް ލީގުން ޑީޖޯންގެ ސަޕޯޓަރުންނާއި އެކަމަށް ހިތްވަރުދިން އެންމެނަށް ހަރުކަށު ފިޔަވަޅު އެޅުން ކަމަށެވެ.
ޔޫރަޕުގެ 40 ގައުމެއްގެ 150 މެމްބަރު ކްލަބު ހިމެނޭ ފެއާއިން ބުނެފައިވަނީ ބަލޮޓެލީއަށް ނަސްލީގޮތުން ދިމާކުރުމުގެ މައްސަލައިގައި ފްރާންސް ލީގުގެ ކޮމިޓީއަކާއެކު މި ހަފްތާތެރޭގައި މަޝްވަރާ ކުރާނެ ކަމަށެވެ.
ބަލޮޓެލީއަކީ މީގެ ކުރިންވެސް ނަސްލީ ދިމާކުރުންތަކުގެ ޝިކާރައަކަށް ވެފައިވާ ކުޅުންތެރިޔެކެވެ. އިޓަލީގެ ގައުމީ ޓީމުގެ އިތުރުން އެގައުމުގެ ލީގުގައި އޭނާ ކުޅުނު ދުވަސްވަރުވެސް އެކަން ދިމާވެފައިވެއެވެ.