ރަޝިއާގެ މަތިންދާ ބޯޓު ގޮވި މަންޒަރު ފެންނަ ވީޑިއޯއެއް!

އިއްޔެ ވެއްޓުނު ބޯޓުގެ ބައިތައް ވަނީ ބޮޑު ސަރަހައްދަކަށް ބުރައިގެން ގޮސްފައި -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ފެބްރުއަރީ 12): އިއްޔެ 71 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ރަޝިއާގެ ބޯޓު ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ރަޝިއާގެ ސަރަޓޯވް އެއާލައިންގެ ބޯޓެއް ކަމަށްވާ އޭއެން-148 ވެއްޓިފައި ވަނީ މޮސްކޯގެ އެއާޕޯޓަކުން ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ. އަދި އެބޯޓު ވެއްޓުމުގެ ކުރިން ގޮވައި، އަލިފާން ރޯވާ މަންޒަރު ފެންނަ ވީޑިއޯއެއް އެސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާއަކަށް ވަނީ ރިކޯޑުވެފައި އެވެ.

އޮފިޝަލުން ވަނީ އެހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ސްވިޑެން އާއި އަޒަރުބައިޖާނަށް ނިސްބަތްވާ ދެ މީހަކު ހިމެނޭ ކަމަށް ވިދާޅުވެފައި އެވެ. އަދި އެހާދިސާ ހިނގި ސަބަބުތަކުގެ ތެރޭގައި މޫސުން ގޯސްވުމާއި، ހިއުމަން އެރާ އާއި ޓެކްނިކަލް މައްސަލައެއް ދިމާވުން ހިމެނޭ ކަމަށް ބުނެފައި އެވެ.

ރަޝިއާގެ އެމާޖެންސީ މިނިސްޓްރީން ބުނި ގޮތުގައި އެހާދިސާގައި މަރުވި މީހުން ހޯދުމުގެ މަސައްކަތުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި އެވެ. އަދި އެމަސައްކަތުން މިހާތަނަށް ވަނީ އެކި މީހުންނަށް ނިސްބަތްވާ 209 ހަށިގަނޑުގެ ބައިތައް ފެނިފައި ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލުމަށް އަމުރު ކުރައްވާފައި އެވެ. އަދި އެގައުމުގެ ހެލްތް މިނިސްޓަރު ވެރޮނިކާ ސްކޮވޯޓްސޯވާ ވަނީ ބޯޓުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ހަފްތާއަކަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައި އެވެ.

comment ކޮމެންޓް